ކުޅިވަރު

ޕްރިމިއަރލީގު: ޓޮޓްނަމް އާއި ސައުތުހެމްޕްޓަން މެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ސައުތުހެމްޕްޓަން ބައްދަލުކުރިމެޗް އެއްވަރުވެއްޖެ. މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެން.
ދެޓީމުގެ ފަރާތުން މެޗްގެ ކުރީކޮޅު ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެއް. އަދި މެޗްގެ 25 ވަނަ މިނެޓްގައި މިމެޗްގެ ލީޑު އެންމެ ފުރަތަމަ ނަގާފައިވަނީ ސައުތުހެމްޕްޓަނުން. މިލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ޖޭމްސް ވާރޑް ޕްރައުސް. ނަމަވެސް މެޗްގެ 39 ވަނަ މިނެޓްގައި ސައުތުހެމްޕްޓަންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޓްނަމްގެ ސޮން ހިއުންގ މިންއަށް މުހައްމަދު ސަލީސޫ ފައުލް ކުރުމާއި ގުޅިގެން 12 މިނެޓްގެ ތެރޭގައި ހޯދި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ވަނީ ރަތްކާޑު ދައްކާފަ. އަދި އެފައުލް އާއި ގުޅިގެން ލިބިގެންދިޔަ ޕެނަލްޓީ ކާމިޔާބުކޮށް ހެރީ ކޭން ވަނީ ޓޮޓްނަމްއަށް މިމެޗްގެ ނަތީޖާ ހަމަހަމަކޮށްދީފަ. މިއާއެކު މެޗްގެ ބާކީ އޮތް ފަންސާހަކަށް މިނެތް ސައުތުހެމްޕްޓަނުން ކުޅެމުންދިޔައީ އެއް ކުޅުންތެރިއެއް މަދުކޮށް. ނަމަވެސް ޓޮޓްނަމަކަށް މިމެޗްގައި ސައުތުހެމްޕްޓަންގެ ޑިފެންސް އިތުރަށް ފުއަޅުވާލެވޭގޮތެއް ނުވި. ދެވަނަ ހާފްގައި ދެފަހަރެއްގެ މަތިން ސައުތުހެމްޕްޓަންގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ފުރަތަމަ ފަހަރު ކޭން ޖެހި ގޯލް އޮފް ސައިޑް ކަމަށް ވީއޭއާރުން ނިންމިއިރު ދެވަނަ ގޯލްވަނީ ޓޮޓްނަމްގެ މެތް ޑޮހަރޓީ ސައުތުހެމްޕްޓަންގެ ކީޕަރ ފްރޭސަރ ފޮސްޓަރއަށް ފައުލް ކުރިކަމަށް ބަލާފަ.
މިމެޗް އެއްވަރު ވުމާއެކު ޓޮޓްނަމް އުޅެނީ މިހާތަނަށް ކުޅުނު 17 މެޗުން 30 ޕޮއިންޓް ލިބި ތާވަލްގެ 6 ވަނައިގަ. އަދި ސައުތުހެމްޕްޓަން އުޅެނީ 19 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގަ.