ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށިވާ 23 ރަށުގެ ޢަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވީ ވަޢުދު ފުއްދުމާ ގާތަށް މިވަނީ ޖެހިލާފައެވެ. އަލަށް ސޮއިކުރި ރަށްތަކާއެކު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހަވާލުނުކުރެވޭ އެއްވެސް ރަށެއް މިހާރު ރާއްޖެއަކު ނޯންނާނެއެވެ.
މީގެ ތިން އަހަރުކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 188ރަށުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކޮށްފައިވަނީ 37ރަށުގައެވެ. އަދި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވަނީ 69 ރަށުގައެވެ. އިންސައްތައިން ބަލާނަމަ ފެނުގެ ނިޒާމު ޤާއިމުކޮށްފައިވަނީ %20 ރަށުގައެވެ. އަދި ނަރުދަމާ އޮތީ %37 ރަށުގައެވެ. ފެން ނުވަތަ ނަރުދަމާ ނުވަތަ ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތްތެއް ނުފަށާ 141 ރަށް އޮތެވެ.
މިދިޔަ 3 އަހަރުގެ ތެރޭގައި 48 ރަށުގެ ނަރުދަމާއާ 60 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ހަވާލުކޮށް ދަނީ ކުރަމުންނެވެ. މިހާތަނަށް 9 ރަށުގެ ނަރުދަމާއާ 8 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމި، ރައްޔިތުންނަށްވަނީ ޚިދުމަތް ދޭން ފަށާފައެވެ.
އަލަށް ސޮއިކޮށްފައިވަނީ 23ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމާއި، 16ރަށުގެ ނަރުދަމާގެ މަސައްކަތެވެ. މި 23 ރަށުގެ މަޝްރޫއަށް ސަރުކާރުން 920 މިލިއަން ރުފިޔާ ހޭދަކުރެއެވެ.
މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިއީ ސަރުކާރުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުރަތަމަ ދެ އަހަރުތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތް ފެށުމަށް މަސައްކަތްކުރި ނަމަވެސް، ކޯވިޑްގެ ސަބަބުން ލަސްތަކެއް އައިކަމަށެވެ. ނަމަވެސް އަދިވެސް ސަރުކާރުގެ ޢަމާޒަކީ މި ދަޢުރުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާ ޚިދުމަތް ފެށުންކަމަށެވެ.
"މިއީ ވަރަށް ބޮޑު، ބުރަ މަސައްކަތެވެ. ބީލަމަށް ހުޅުވާލުމަށް ލިޔެކިޔުން ތައްޔާރުކޮށް، ބިޑްތައް އިވެލުއެޓްކޮށް މަޢުލޫމާތުތަކުގެ ސައްޙަކަން ދެނެގަތުން، ލީގަލް މަސައްކަތްތައް ކުރުން، މުޅިންވެސް ބޮޑެތި ބުރަ މަސައްކަތްތައް. މިމަސައްކަތުގައި ޝާމިލްވި އެންމެންނަށް ޝުކުރު އަދާކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ބަޖެޓާއި އިންޑިއަން އެގްޒިމް ބޭންކާ އޮޕެކް ފަންޑުގެ އެހީގައި 33 ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތާ، 53ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތްތައްވެސް އެކި މަރުޚަލާތަކުގައި މިހާރު ކުރިއަށްދެއެވެ.
ސަރުކާރުގެ 3 އަހަރުގައި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް 5.8 ބިލިއަން ރުފިޔާގެ މަޝްރޫޢު މިހާތަނަށްވަނީ ހަވާލުކޮށްފައެވެ.