ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު އަލިފުށީގައި ކުޅެނީ


މިހާރު ކުރިއަށްދާ ރައީސުލްޖުމްހޫރިއްޔާގެ ވާދާއިގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަތޮޅު އަލިފުށީ ޓާފް ދަނޑުގައި ކުޅުމަށް މަޝްވަރާކޮށްފިއެވެ.

އެފްއޭއެމުން ބުނީ މަޝްވަރާތަކަށް ފަހު އަންނަ މަހު 23 ވަނަ ދުވަހު ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ބާއްވާނެ ތަނެއް ފައިނަލް ވާނެކަމަށެވެ. އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅުމާގުޅޭގޮތުން ބޭއްވި ބާއްވަރާގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު ޢަލީ އާއި އެފްއޭއެމްގެ ފަރާތުން ޝާހު އިސްމާއިލާއި އިސްމާއިލް ރިޔާޒް ބައިވެރިވެ ވަޑައިގެންނެވި.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބު ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން މޮޅުވެފައިވަނީ ވެލެންސިއާ އާއި މާޒިޔާއެވެ.

ސަރުކާރުގެ ޚަރަދުގައި އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓައް ކުޅޭ ޕްރެޒިޑެންޓްސް ކަޕް މި ފަހަރު މި ކުޅެނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. 2017 ވަނަ އަހަރުގެ ޗެމްޕިއަނަކީ ނިއު ރޭޑިއަންޓެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އެންމެ ފަހުން މާލޭން ބޭރުގައި ކުޅުނީ 2015 ވަނަ އަހަރެވެ. އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ކުޅުދުއްފުށްޓާއި އައްޑޫސިޓީ ހިތަދޫގައެވެ. ފައިނަލް މެޗު ކުޅުނީ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. ނިއު ބަލިކޮށް ތަށި އުފުލާލީ މާޒިޔާ އިންނެވެ.