ޚަބަރު

ކޮމަންޑޫ ގޮނޑިއަށް ނަން ތަރުތީބުކުރުން ބުރާސްފަތި ދުވަހު


ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމަައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީންނާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ ކެނޑިޑޭޓުން ނެރެފައެވެ. އެމްޑީޕީން ވާދަކުރަނީ މުޙައްމަދު ރާޝިދެވެ. ޕީޕީއެމުން ނެރެފައިވަނީ މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ކެނޑިޑޭޓަކީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.