ސިޔާސީ

އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާ ފަރާތްތައް ޕާޓީތަކުން ވަކިވާނެ


އިނގިލީގެ ނިޝާން ހުށަހަޅާފައި ނެތް މެމްބަރުން މިއަދުން ފެށިގެން ސިޔާސީ
ޕާޓިތަކުގެ ދަފްތަރުން އުނިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ސިޔާސީ
ޕާޓީތަކުގެ ޤާނޫނަށް ގެންނެވި އިޞްލާޙާއެކު، ޕާޓީތަކުގެ މެމްބަރުންނަށް ވެވޭނީ
މެމްބަޝިޕް ފޯމާއެކު އިނގިލީގެ ނިޝާން ހުށަހަޅައިގެންނެވެ. އިލެކްޝަންސް
ކޮމިޝަނުން ވަނީ ޕާޓީތަކުގެ މެމްބަރުން އިނގިލީގެ ނިޝާނާއެކު މިއަދު ހަވީރު
ތިނެއްޖެހުމާއި ހަމައަށް ފޯމު ހުށައެޅުމަށް ހުޅުވާލައްވާފައެވެ. 

އިލެކްޝަންސް
ކޮމިޝަންގެ މެމްބަރު އަޙްމަދު އަކުރަމް ވިދާޅުވީ، ގިނަ އަދަދެއްގެ ފޯމް އެކޮމިޝަނަށް ޕާޓީތަކުން ހުށައަޅާފައިވާކަމަށާއި، ޕާޓީތަކުގެ ޞައްޙަ ޢަދަދު، އެ ފޯމްތައް ޕްރޮސެސް ކުރެއްވުމަށްފަހު
ހާމަކުރައްވާނެކަމަށެވެ. އަކްރަމް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އަންނަ އަހަރަށް
ފައިސާ ދޫކުރައްވާނީ އެފޯމްތައް ޕްރޮސެސް ކުރެއްވުމަށްފަހު ޕާޓީތަކުގެ ޞައްޙަ
ޢަދަދަށް ބައްލަވައިގެންކަމަށެވެ. މިމަހުގެ ނިޔަލަށް އިނގިލީގެ ނިޝާން
ހުށަހަޅާފައި ނެތް މެމްބަރުން ދަފްތަރުން އުނިކުރަން ނިންމާފައިވާއިރު، މައްސަލަ ނުނިމެނީސް ކޮމިޝަންގެ އެ
ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެމްޑީޕީ އާއި ޑީއާރުޕީން
ކޯޓުގައި އެދިފައިވެއެވެ. 

ނަމަވެސް ކޮމިޝަންގެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ
އަމުރެއް ނެރެދެއްވެން ނެތްކަމަށް ސިވިލް ކޯޓުން ވަނީ ނިންމަވާފައެވެ. އިލެކްޝަންސް
ކޮމިޝަނުން މިމަހުގެ 20 ވަނަ ދުވަހު ވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ
އަދަދަށް މެމްބަރުން ހަމަކޮށްފައި ނުވާ ސިޔާސީ އަށްޕާޓީއެއް އުވާލައްވާފައެވެ.