ޚަބަރު

"އިންޑިއާ އައުޓް" ގޮވަނީ އިންވެސްޓްމެންޓްތައް ހުއްޓުވަން - އެމްޓީޑީ


"އިންޑިއާ އައުޓް" ޖަހައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަނީ ކޯވިޑްގެ ހާލަތުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީތަކާއި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލަންކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ( އެމްޓީޑީ ) ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނާއި ދެކޮޅުކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއާއި އަދާލަތުންވެސް ވަނީ ހާމަކޮށްފައެވެ. އެ ޕާޓީތަކުންވެސް ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގާ އެ ހަރަކާތަކީ ސިޔާސީ ބޭނުމުގައި ޤައުމުގެ މަންފާއަށް ބެލުމެއް ނެތި ހިންގާ ނޭއްގާނީ ހަރަކާތެއްކަމަށެވެ. ކޯލިޝަންގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އުފެއްދެވި ޕާޓީންވެސް ވަނީ މި ހަރަކާތް ކުށްވެރިކޮށްފައެވެ. އެޕާޓިން އެ ހަރަކާތް ސިފަކުރީ، އިދިކޮޅު ހިންގާ ހަރަކާތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ޖަރީމާތައް ފޮރުވުމަށް ކުރަމުން ގެންދަވާކަމެއްގެ ގޮތުގައެވެ.

މި ހަރަކާތާއި އެންމެ ފަހުން ދެކޮޅު ހަދާފައިމިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދެވަނަ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހްމަދު އަދީބު އުފެއްދެވި އެމްޓީޑީންނެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމިނުގެ ވެރިކަމުގައި އެމަނިކުފާނުވެސް ވަނީ އިންޑިއާ އާއި ސިޔާސީ، އިގްތިސާދީ އަދި ދިފާއި އެތައް ގުޅުންތަކެއް ވަރުގަދަކޮށްފައި ކަމަށެވެ. ރައީސް ޔާމީނު އިސްވެ އިންޑިއާ އާއި އެކީ ގުޅުން ބަދަހި ކުރުމަށްޓަކައި އިންޑިއާގައި އެދިގެން ވެރިކަން ލިބުމުގެ ކުރިންނާ ވެރިކަން ލިބުމުގެ ފަހުންވެސް އެޤައުމަށް ރަސްމީ ދަތުރުތަކެއް ކުރައްވިކަމަށް އެމްޓީޑީން ބުނެއެވެ. އަދި އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ރައީސް ޔާމީން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަންވެސް އެމްޓީޑީގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ރައީސް ޔާމީނު ސަރުކާރުން ފުރަތަމަ ސޮއިކުރި ޑިފެންސް އެގްރިމަންޓަކީ އެމަނިކުފާނު އެކަމަށް އެދި އެންޑޯސް ކޮށްގެން އިންޑިއާ އިން ދެވަނަ ހެލި ކޮޕްޓަރު ގެނައުމުގެ އެގްރިމަންޓެއްކަމަށާއި އިތުރު މިލިޓަރީ ޑޯނިޔާ މަތިންދާ ބޯޓެއް ގެންނަންވެސް އިސްވެ އިންޑިއާގައި އެދުނީ ރައީސް ޔާމީނުކަން އޭރުގެ ގިނަ ވަޒީރުން ހެކިވާނެކަމަށްވެސް އެމްޓީޑީގެ ބަޔާނުގައިވެއެވެ.

އެމްޓީޑީން ބުނީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް "އިންޑިއާ އައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތް ޕުޅަށް ކެތްނުވެގެންކަމަށެވެ. އަދި ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ، އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖައްސަވަން ކުރައްވާ މަސައްކަތެއްކަމަށެވެ.

" މިހާތަނަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި 261 ދިވެހި ރައްޔިތުން ނިޔާވެ ، މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮތުން ދަތި އުދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް "އިންޑިއާ އައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެންނެވެ. " އެމްޓީޑީގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީނު ތަރައްގީގެ ނަމޫނާއަކަށް ބެއްލެވީ ސިންގަޕޫރުކަމަށްވާއިރު އެ ޤައުމުގެ ހަރުދަނާ ފޮރިން ޕޮލިސީ އެމަނިކުފާނަށް އެނގިނުލައްވާކަމަށާއި ސިންގަޕޫރު، ޔޫއޭއީ ފަދަ އެތައް ކުދި ގައުމެއް ތަރައްގީވެފައި ވަނީ ބެލެންސްޑް ފޮރިން ޕޮލިސީއަކާއި އަދި ވަރުގަދަ ޑިފެންސް ޕާޓްނަރ ޝިޕްތަކާއި އެކުކަމަށްވެސް އެމްޓީޑީގެ ބަޔާނުގައިވެއެވެ.

" މިއަދު ރައީސް ޔާމީނަށް އެއްވެސް އުއްމީދެއް ރައްޔިތުންނަކަށް ނުދެވެއެވެ. ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެކެވެ. އެމަނިކުފާނުގެ ވައުދަކީވެސް އަދި މެނިފެސްޓޯއަކީވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާއެވެ. " އެމްޓީޑީގެ ބަޔާނުގައިވެއެވެ.

މިއަދު ރައްޔިތުންނަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ނާޖާއިޒު ފައިދާ ނައްގަވައިގެން ނަފުރަތާ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެ ލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއްނޫންކަމަށާއި މިއަދު ރައީސް ޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެއްވުނުކަމަށްވެސް އެމްޓީޑީގެ ބަޔާނުގައިވެއެވެ.