ޚަބަރު

ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 262އަށް


ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ރޭ ފަތިހު 0530 ހާއިރު ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމީހާ ނިޔާވުމާ ގުޅިގެން ތ.ވިލުފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ހެދި ޕީސީއާރް ޓެސްޓުން މިމީހާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެން ކަމުން މިއީ ކޯވިޑް މަރެއްގެ ގޮތުގައި އެޗްޕީއޭއިންވަނީ ކަނޑައަޅާފައެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 262އަށް އަރާފައެވެ.

ކޯވިޑްގައި މިދިޔަ ބުދަ ދުވަހުވެސްވަނީ މީހަކު ނިޔާވެފައެވެ.ކޯވިޑް ފެތުރުން މިދުވަސްވަރު ކޮންމެވެސް ވަރަކަށްވަނީ އިތުރުވެފައެވެ. އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 95000އަށްވުރެ ގިނަ މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 92600އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.