އިޤްތިޞާދީގޮތުން ޤައުމު ކުރިއަރުވަން ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ދިވެހިން އިސްނަގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މަންޓާ އެއާ އިން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމް، "މަންތާ ވިންގްސް ޕްރޮގްރާމް" އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބުރައީސް ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގެ ތެރެއިން ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ކުރިއަރައިގެންދާ މަންޒަފު މިއަދު ފެންނަމުންދާކަމަށާ، އެކަމުގެ ހެޔޮފައިދާ ރާއްޖޭގެ އިޤްތިސާދުން ފެންނަމުންދާކަމަށެވެ. ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ކުރިއަރަމުން އަންނަ ދާއިރާއެއްކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ، މިއީ މުސްތަގްބަލުގައި ދިވެހިންނަށް އިތުރު ފުރުސަތުތައް ލިބޭނެ އަދި ބައިނަލްއަޤުމާވީ ފެންވަރުގައި ދިވެހިން ކުރިއަރައިދާނެ ދާއިރާއެއްކަމަށެވެ. އަދި މިހާރުވެސް ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ޙަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުގއި ދިވެހިން މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ކުރިއަރައި ދިނުމުގެ ސަބަބުން ދިވެހިންނަން އެތައް ފައިދާތަކެއް ވަމުންދާތަން މިއަދު މިދަނީ ފެންނަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއަދުގެ ޒުވާނުންގެ ވިސްނުމުގައި ހުންނަންވީކަމަކީ ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަކީ ޤައުމަށްޓަކައި ކުރެވިދާނެ މުހިންމު ކަމެއްކަން ކަމުގައި ނައިބުރައީސް ވިދާޅުވިއެވެ.
ޤައުމަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށާ، މިއަދު ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަށްވާއިރު ޓޫރިޒަމް ދާއިރާއާއި އެއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން މީހުން ބިނާކުރުމަކީ އަމިއްލަ ކުންފުނިތަކުންވެސް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށް ނައިބުރައީސް ވިދާޅުވިއެވެ.