ޚަބަރު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފަހު މެޗްގައި ރާއްޖެ ބަލިވެއްޖެ


ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފަހު މެޗްގައި ލަންކާ އަތުން ބަލިވެއްޖެއެވެ. ފަހު މެޗްގައި ލަންކާއަތުން ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ.

މިމެޗްގެ ސެޓްތަށް ލަންކާއިން ގެންދިޔައީ 25-19، 24-26، 25-23 އަދި 25-19އިންނެވެ. މިމެޗްގައި ރާއްޖެއިން ލަންކާ އަތުން ސެޓްއެއް ހޯދާފައިވާއިރު، މިމަހުގެ ކުރީކޮޅުގައި މާލޭގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމްއިން ވަނީ ސެޓްރަލް ޒޯންއަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ 3 މެޗް ކުޅެފައެވެ. މާލޭގައި މި ކުޅުނު 3 މެޗްވެސް ލަންކާއިން ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ.

ބަންގްލަދޭޝްގެ މިރްޕޫރު އިންޑޯ ކޯޓުގައި ކުޅުނު މިމެޗްގެ ފުރަތަމަ ސެޓްގައި ލަންކާއިން މޮޅު ކުޅުމެއްދެއްކިއިރުގައި އެޓީމުންވަނީ މެޗް ފެށިގެން ނިމެންދެން ލީޑްގައި އޮވެގެން ކުޅެފައެވެ. މެޗްގެ ފުރަތަމ ސެޓްގައި ލަންކާ ޓީމުން މޮޅު ކުޅުމެއް ދައްކާފައިވަނީ މަހޭލާ ބަންޑާރާއެވެ. ލަންކާގެ މޮޅު ކުޅުމާއެކު އެޓީމްއިން މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ 25-19އިންނެވެ. މެޗްގެ ދެވަނަ ސެޓްގައި ރާއްޖޭގެ ގައުމީ ސިނިއަރ ޓީމްގައި ހިމަނާފައިވާ ޒުވާން ތިން ކުޅުންތެރިންކަމުގައިވާ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދުއަށް ކޯޗް ސާޖިދުވަނީ ފުރުސަރު ދީފައެވެ. އަދި ނާފިއުވަނީ އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ މެޗްގައި މޮޅު ކުޅުމެއްދައްކާފައެވެ. މިސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

އަލި ހުޒާމް އާއި އިސްމާއިލް ސާޖިދު އަދި ހަސަން ނިލާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އާދަމް ފައިރޫޒްގެ ފަރާތުން ޓީމްއަށް މުހިންމު ބުލޮކްތަކެއްވެސް ފެނިގެންދިއެވެ. މިއާއެކު މިސެޓް ރާއްޖޭގެ ޓީމްއަށް ކާމިޔާބުކުރެވުނީ 26-24އިންނެވެ.

މެޗްގެ ތިންވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިސެޓްގައިވެސް ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ސެޓްގެ ކުރީކޮޅުގައި ރާއްޖެއަށް ލީޑްވެސް ލިބުނެވެ. ނަމަވެސް ލަންކާއިން ކުޅުން ރަގަނޅުކޮށް، މެޗް އެއްވަރުކޮށް، ލީޑް ހޯދިއެވެ. ފަހަތުން އަރާ ލަންކާއިން ރަގަނޅު އެޓޭކްތަކެއްކޮށް، މެޗްގެ ތިންވަނަ ސެޓް 25-23އިން ކާމިޔާބުކުރިއެވެ. ޖެހިގެންއައި މެޗްގެ ހަތަރުވަނަ ސެޓުގައި ލަންކާއިން ކުޅުނުނީ ތިންވަނަ ސެޓްގެ ފަހުކޮޅުގައި އެޓީމްއިން ކުޅެމުންދިޔަ ފޯމުގައެވެ. ރާއްޖެއަށް ލަންކާއިން ކުރަމުންދިޔަ ވަރުގަދަ އެޓޭކްތަށް ހުއްޓުވޭގޮތެއް ނުވިއެވެ. އެއާއެކު ލަންކާއިން މެޗްގެ ހަތަރުވަނަ ސެޓް 25-19އިން ކާމިޔާބުކޮށް މެޗް ކާމިޔާބުކުރިއެވެ.

މިފަހަރުގެ މުބާރާތާއި ރާއްޖެއިން ކުރިމަތިލާފައިވަނީ ވަރަށް އުދަގޫ ހާލަތެއްގައެވެ. ކޯވިޑް-19އާ ގުޅިގެން ފާއިތުވެގެންދިޔަ 2 އަހަރު ރާއްޖޭގެ ޓީމްއަށް މެޗްއެއް ނުކުޅުމެވުމުގެ އިތުރުން ވީއޭއެމްއަށް އެއްވެސް މުބާރާތެއްވެސް ކުރިއަށްގެންދެވިފައެއް ނުވެއެވެ. ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމްވަނީ އެކުވެރިކަމުގެ 6 މެޗް ކުޅެފައެވެ. ލަންކާއާއި ވާދަކުރި 3 މެޗުން ބަލިވެފައިވާއިރު، އިންޑިޔާގެ ހައިދަރު އާބާދު ސްޕައިކާރސްއާ ވާދަކުރި 3 މެޗް ރާއްޖޭގެ ޓީމްވަނީ ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގައި ރާއްޖޭގެ ޓީމުން އެންމެ ފުރަތަމަ ކުޅެފައިވަނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އެމެޗް ރާއްޖެ ސީދާ 3 ސެޓުން ބަލިވެފައިވާއިރު، ދެވަނަ މެޗްގައި އުޒްބަކިސްތާން އަތުން ބަލިވީ 3 ސެޓް 1 ސެޓުންނެވެ. އަދި ތިންވަނަ މެޗްގައި ނޭޕާލްއިންވަނީ ސީދާ 3 ސެޓުން ރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ.