ޚަބަރު

އިތުރު 168 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 95،000އިން މައްޗަށް


ރާއްޖެއިން އިތުރު 168 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 95،000އިން މަތީގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 168 މީހުންގެ ތެރެއިން 73 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 44 މީހުންނެވެ. އަދި ރިސޯޓްތަކުން 50 މީހަކާއި، ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 95،032 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 2079 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 8 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 121 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 92،679 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4223 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 261 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާއިރު، މިވޭރިއަންޓުން ރައްކާތެރިވުމައްޓައި ގިނަ މީހުން އެއްވެ ހިންގާ ހަރަކާތްތައް މަދުކުރުމަށް ނުވަތަ މިވަގުތަށް ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.