ޚަބަރު

މިލަދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ


ނ.މިލަދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރަށުކައުންސިލުން ވިދާޅުވެއްޖެއެވެ. މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ މިމަޝްރޫޢުގެ %59 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ނ.މިލަދޫގައި ސަރުކާރުން ތަރައްޤީކުރާ ބަދަރުގެ މަސައްކަތަކީ އެރަށުގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތެވެ. ކުރިން އެރަށުގައި އޮތީ 300 ފޫޓްގެ ކުޑަ ބަނދަރެކެވެ. 2006ވަނަ އަހަރު ތަރައްޤީ ކުރަންފެށި މި ބަނދަރު މުޅިން ނުމެނީސް މަސައްކަތް ހުއްޓުމާ ގުޅިގެން ފަޅަށް ވެލިވަދެ ފަޅު ވަނީ ވަރަށް ބޮޑަށް ތިލަވެފައެވެ. އަދި އެއްގަމު ތޮށި ފިޔަވައި އިތުރު ތަނެއް އޮޑިދޯނިފަހަރު އަޅާކަށް ނެތްކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

ސަރުކާރުން ހަދާ ބަނދަރުގެ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން ފަޅު ފުންކޮށް ބޭރުތޮށީގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ. އެރަށުގައި ކުރިންއޮތް ބަނދަރާ މިހާރު ހަދާ 500 ފޫޓްގެ ދިގު ބަނަދަރު ވަނީ ގުޅުވާލާފައެވެ. އެހެން ކަމުން ބަދަރު ބޮޑުވުމަކީ ފަޅު ބޭނުން ކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށް އެރަށު ކައުންސިލުން ދެކެއެވެ.

42 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މިބަނދަރުގެ މަޝްރޫޢުގެ ދަށުން 37 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކޮށް 209 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލައި 152 މީޓަރުގެ ސަރަޙައްދެއްގައި ހިލައިން ރިވެޓްމަންޓްޖެހުމާއި 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލައި 1400 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރުހަދުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ނެރު ބައްތި ޖެހުމާއި މަގު ބައްތިޖެހުންވެސް މި މަސައްކަތުގެ ތެރެއިން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިބަނދަރުގެ މަސައްކަތް 2019ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާއިރު މިމަސައްކަތް ތާވަލާ އެއްގޮތަށް ނުނިމުނީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދިމާވި ދަތިތަކާހެދިއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވިކަމަށް އެމްޓިސީސީން ވިދާޅުވެއެވެ.