ޚަބަރު

"ޢުމަރު ޒާހިރު އަވަހާރަވުމުން ގެއްލިގެން ދިޔައީ އަދުގެ ޖީލަށް ނަމޫނާ ދެއްކެވި ހިންގުންތެރިއެއް"


ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެޝަނަލް އަރޓް ގެލެރީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސޮއިކުރައްވައިފިއެވެ.

ޚިދުމަތުގެ ރަން ތާރީޚެއް އޮތް މަރްޙޫމް ޢުމަރު ޒާހިރު އެންމެ ފަހުން ހިންގެވި ވުޒާރާކަމުގައިވާ ހޯމް މިނިސްޓްރީން ހުޅުވާލި ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްޙޫމް ޢުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތުގައި ވަރަށް އިޚްލާސްތެރި އަދި ދައުލަތައް ވަރަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ.

އަދި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއި އެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާގޮތުގައި އަލް މަރްޙޫމް ޢުމަރު ޒާހިރު ވަނީ މާ ގިނަ ވަޞީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޙިއްޞާ ބޮޑުކަމުގައި ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމް ޢުމަރު ޒާހިރަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިތަޢުޒިޔާގެ ދަފްތަރުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝަޢުނާ ވަނީ ސޮއިކުރައްވާފައެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ޑިސެންބަރު މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.