އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ސްޕަރސް ކާމިޔާބުކޮށްފިއެވެ. ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ލޫކަސް މޯރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހެރީ ކޭންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ ދެމިނެޓްފަހުން ޖަހައިދިނީ ލޫކަސް މޯރާއެވެ. އަދި ފަހު ލަނޑު އަނެއްކާވެސް ލޫކަސް މޯރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ސޮން ހިއުންގ މިންއެވެ. ކްރިސްޓަލް ޕެލަސްގެ ބައެއް ކުޅުންތެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައޮ ވާތީ ފަސްކޮށްދިނުމަށް އެދިފައިވި މިމެޗްގައި އެޓީމަށް މާރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. އަދި އެޓީމްގެ ކޯޗް ޕެޓްރިކް ވިއޭރާއަށް ވެސް ކޯވިޑް ޖެހިފައިވުމާއެކު މިމެޗްގައި ބެންޗުގައި އިނީ އެސިސްޓަން ކޯޗް އޯސިއެން ރޮބަރޓްސްއެވެ. އަދި މިމެޗްގެ 37 ވަނަ މިނެޓްގައި ޕެލސްގެ ވިލްފްރެޑް ޒަހާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުން މެޗްގެ ބޮޑު ބައި އެޓީމް ކުޅުނީ އެއްކުޅުންތެރިއެއް މަދުކޮށެވެ.
މިކާމިޔާބީއާއެކު ސްޕަރސް މިހާރު އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި ޕެލަސް އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.