އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އެސްޓަން ވިލާ ބައްދަލުކުރިމެޗް ޗެލްސީއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ދެވަނައިގައި އުޅޭ ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ. ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީއިން ކާމިޔާބުކުރީ ފަހަތުން އަރާ ތިންލަނޑު އެއްލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ވިލާއިންނެވެ. ނަމަވެސް މިލަނޑަކީ ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސްގެ ބޮލުގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް މިލަނޑު ވަންތާ ހަ މިނެޓްފަހުން ވިލާއިން ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ހަދިޔާކޮށްފައެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދީ ޗެލްސީއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯޖީނިއޯއެވެ. މިމެޗްގެ ދެވަނަ ހާފަށް ނިކުތް އިރު ޗެލްސީއަށް ވަނީ އެއް ބަދަލު އައިސްފައެވެ. އެއީ ރޮމެލޫ ލުކާކޫ ކުޅެން އެރުވުމެވެ. އޭނާއަށް ޗެލްސީ އެންމެފަހުން ކުޅުން ތިން މެޗްވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވުމުން ގެއްލިފައެވެ. އަދި މިމެޗްގައި ކުޅެންއެރިތާ އެގާރަވަނަ މިނެޓްގައި ލުކާކޫއިން ވަނީ މިމެޗްގައި ޗެލްސީއށް ލީޑު ނަގައިދީފައެވެ. މިމެޗްގައި ޗެލްސީއިން ޖެހި ތިންވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބުކޮށްދިން ޖޯޖީނިއޯއެވެ.
މިކާމިޔާބީއާއެކު ޗެލްސީއަށް މިވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އުޅޭ ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރެވިފައެވެ. ނަމަވެސް އެއްމެޗް މަދުން ކުޅެފައިވާ ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލާއިރުއެވެ. މިމެޗުން ބަލިވުމުން ވިލާ މިހާރުވަނީ 22 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައަށް ވެއްޓިފައެވެ.