ޚަބަރު

އަތޮޅުތަކުގެ ޚަބަރުތައް ގެނެސްދިނުމަށް ޚާއްސަ މަޝްރޫޢެއް


ރާއްޖޭގެ އަތޮޅުތަކުގައި ހިނގާ
ރައްޔިތުންނާ ގުޅުންހުރި ކަންމުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދެވޭނެ އިންތިޒާމް
ހަރުދަނާކުރުމަށްޓަކައި ޚާއްޞަ މަޝްރޫޢެއް އެކުލަވާލުމުގެ މަސައްކަތް ޕަބްލިކް
ސަރވިސް މީޑިއާ،ޕީއެސްއެމުން ފަށައިފިއެވެ.
ޕީއެސްއެމުން އިއްޔެ ފެށި ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ
ރޭޑިއޯ ޗެނަލް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވި ގޮތުގައި،
މިފަދަ މަސައްކަތެއް ފަށަން ޖެހުނީ، އަތޮޅުތަކުގައި ހިންގާ ކަންތައްތައް
އެތަންތާނގައި ބަޔަކު ބައިތިއްބައިގެން ގެނެސްދިނުމާއި އެ ތަންތާނގައި މީހުން ނެތި
މިކަން ކުރުމުގައި، ކަމުގެ މަޤްޞަދު ޙާޞިލްވުމުގެ
މިންވަރުގައި ހުރި ތަފާތުގެ ބޮޑުކަމުން ކަމަށެވެ.



ރާއްޖޭގެ ރައްޔިތުންގެ ކަންކަން
ރައްޔިތުންނާއި ވީހާވެސް ގާތުން ގެނެސްދިނުމަށްޓަކައި، ރާއްޖޭގެ އަތޮޅުތަކުގައި
ދައުލަތުގެ މީޑިއާއިން ހިންގަމުން ގެންދިޔަ މީޑިއާ ޕްރޮޑަކްޝަންތައް ސެންޓަރުތައް
ހިންގުން ހުއްޓާލާފައިވަނީ، 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ ތެރޭގައެވެ. މިއާއެކު
އެތަންތާނގައި ވަޒީފާ އަދާކުރަން ތިބި ގިނަ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންވެސް
ނިމުމަކަށް ގެނައެވެ. އަދި މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތައް ހިންގުމަށް
ބިނާކޮށްފައި ހުރި ޢިމާރާތްތައް ބެލެހެއްޓުމުގެ އިންތިޒާމްތަކަށް ޢަމަލުކުރުންވެސް
ނިމުމަކަށް ގެނައެވެ. މީގެ އިތުރަށް އަތޮޅުތަކުގައި ތިބި ރޭޑިއޯ
ނިވްސްކާސްޓަރުންގެ މަސައްކަތްތަކާއި އަތޮޅުތަކުގައި ޤާއިމްކޮށްފައި ހުރި ޓީވީ
ނިވްސް ބިއުރޯތަކުގެ މަސައްކަތްތައްވެސް ނިމުމަކަށް ގެނައެވެ. އެއާއެކު
އަތޮޅުތަކުގެ ޚަބަރުތަކާއި ރިޕޯޓްތަކާއި އަދި އަތޮޅުތަކުގެ މީހުން ޚިޔާލާއި
ޝުޢޫރުތައް ހިމެނޭ ޕްރޮގްރާމް އުފެއްދުންވެސް ހުއްޓުމަކަށް އައެވެ. އަދި
އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ މަސައްކަތްތަކާއި ރައްޔިތުންގެ އިޤްތިޞާދީ
ޙަރަކާތްތަކާއި އިޖްތިމާޢީ ޙަރަކާތްތައް، މީޑިއާއިން ކަވަރކުރެވޭ މިންވަރު ދަށްވެގެން ދިޔައެވެ.



ރާއްޖޭގެ 7 ސަރަޙައްދެއްގައި
ދައުލަތުގެ މީޑިއާގެ ފަރާތުން ކުރިން، މީޑިއާ ޕްރޮޑަކްޝަންތައް ހިންގިއެވެ. އެއީ، ހއ. ދިއްދުއާއި ހދ.
ކުޅުދުއްފުށްޓާއި ބ.އޭދަފުށްޓާއި ގއ.ވިލިނގިއްޔާއި ގދ. ތިނަދުއާއި ފުވައްމުލަކާއި
އައްޑޫ ސިޓީގެ ހިތަދޫގައެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޓީވީ
ނިވްސްބިއުރޯއެއް ޤާއިމްކޮށް، ނިވްސްކާސްޓަރުން ބައިތިއްބައިގެން އެއަތޮޅެއްގެ
ޙަރަކާތްތައް ދުވަހުން ދުވަހަށް ޓީވީ މޯލްޑިވްސުން ގެނެސްދެމުން ގެންދެވުނެވެ.
މަދު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި ރޭޑިއޯ ޖާރނަލިސްޓުން ބައިތިއްބައިގެން
ރޭޑިއޯއިން ދުވަހުން ދުވަހަށް އެއަތޮޅެއްގެ ޙަރަކާތްތައް ގެނެސްދެމުން ގެންދެވުނެވެ.




ޕަބްލިކް ސަރވިސް މީޑިއާގެ
މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މީޑިއާ ޕްރޮޑަކްޝަން
ސެންޓަރުންތައް ހުއްޓާލުމާއި އަތޮޅުތަކުގެ ޚަބަރު ކަވަރަކުރާނެ މީހުން އަތޮޅުތަކުގައި
ނެތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.



ޕަބްލިކް ސަރވިސް މީޑިއާއިން
އަތޮޅުތަކުގެ ޚަބަރާއި ޕްރޮގްރާމްތައް ގެނެސްދިނުން 2 ގޮތަކަށް ކުރިޔަށް
ގެންދިއުމުގެ ވިސްނުން ގެންގުޅެއެވެ. އެއްގޮތަކީ އަތޮޅުތަކުގައި މީޑިއާ
ޕްރޮޑަކްޝަން ސެންޓަރުތައް އަލުން ހިންގަން ފަށައި، އެ ސެންޓަރުތައް މެދުވެރިކޮށް
އަތޮޅުތަކުގެ ކަންކަން ގެނެސްދިނުމެވެ. އަނެއް ގޮތަކީ ޢާންމު ފަރާތްތަކަށް،
ޚާއްޞަކޮށް ޒުވާނުންނަށް ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ
ތަމްރީންދީ، އެ ފަރާތްތަކާ ކޮންޓްރެކްޓް
ހަދައި އައުޓްސޯސްކުރުމުގެ އުޞޫލުން ކޮންޓެންޓް އުފެއްދުމެވެ.



މިވަގުތު އަތޮޅުތަކުގައި ހިންގާ
ތަރައްޤީގެ ޙަރަކާތްތަކާއި އިޖްތިމާޢީ ތަރައްޤީގެ މަސައްކަތްތަކާއި ރަށްރަށުގެ
އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް، ޕަބްލިކް ސަރވިސް މީޑިއާއިން
ގެނެސްދެމުން މިގެންދަނީ، އެކަމެއް ހިނގާ ތަނަކަށް އެވަގުތަކު މުވައްޒަފުން
ފޮނުވެން އޮތް ޙާލަތެއްގައި ފޮނުވައިގެނެވެ. މިއީ ތަޖްރިބާއާއި ނަތީޖާއަށް
ބަލާއިރު މިކަން ކުރަން އެންމެ ރަނގަޅު ގޮތްކަމަކަށް ޕީއެސްއެމްގެ އިސް މެނޭޖްމަންޓުން
ޤަބޫލެއް ނުކުރައްވައެވެ.