ކުޅިވަރު

އަލްޖީރިއާ ޓީމުގެ ކެޕްޓަނަކަށް މަހުރެއިޒް


އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އެފްރިކަ ކަޕް އޮފް ނޭޝަންސްގައި އެންމެފަހުގެ ޗެމްޕިއަން އަލްޖިރިއާ މުބާރާތަށް ނިކުންނާނީ ރިޔާދު މަހްރެއިޒްގެ ކެޕްޓަންކަމުގެ ދަށުން ކަމަށް އެޤައުމުން ހާމަކޮށްފިއެވެ. އަލްޖިރިއާއިން މިމުބާރާތަށް އަންމުކުރި ސްކޮޑްގައި މަހްރެއިޒްގެ ނަންވަނީ ހިމަނާފައެވެ.

އުމުރުން 30 އަހަރުގެ މަހްރެއިޒްވަނީ 2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސެނަގާލް އާއި ބައްދަލުކޮށް މުބާރާތް ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އަލްޖީރިއާ ފުރަތަމަ މެޗްގައި ނުކުންނާނީ ގްރޫޕް އީ ގައި ސިއެރަލިއޯންއާ ދެކޮޅަށެވެ. މިގްރޫޕްގައި ދެން ހިމެނެނީ އިކުއެޓޯރިއަލް ގިނީ އާއި ކޯޓެޑިއުއަރއެވެ. ކެމެރޫންގައި ބާއްވާ މުބާރާތް އެކުލަވާނީ އަލްޖިރިއާ ޓީމްގައި 2019 ވަނަ އަހަރުގެ ފައިނަލްގައި މޮޅުވި ލަނޑު ޖަހައިދިން ބަޣްދާދު ބޮއުނެދުޖާހްވެސް ހިމަނައިގެންނެވެ. އެފަހަރު ތަށި ކާމިޔާބުކުރި ޓީމްގެ 12 ކުޅުންތެރިޔަކު މިފަހަރުގެ ސްކޮޑަށް ނަގާފައިވެއެވެ.

މީގެއިތުރުން ވަރަށް ފަހުން ޤަތަރުގައި ބޭއްވި ވާރލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މުބާރާތުގައި މުހިންމު ދައުރެއްއަދާކުރި ސޯފިއާން ބެންޑެބްކާ އަށް ވަނީ ޖާގަދީފައެވެ. އަދި އަރަބް ކަޕްގައި ފާހަގަ ކޮށްލެވުނު ޔަސީން ބްރަހީމީއަށްވެސް ވަނީ މިފަހަރު ޓީމުންޖާގަ ލިބިފައެވެ. އަލްޖީރިއާ އެންމެފަހުން ކުޅުނު ވާރލްޑް ކަޕް ކޮލިފައިންގ ހަމެޗަށްވެސް އޭނާ ނަގާފައެއް ނުވެއެވެ. އަދި ގަތަރު އެސްސީ އާއި ވަކިވިފަހުން ކްލަބަކާ ނުގުޅި ހުރި ޔޫސުފް ބެލައިފީއަށްވެސް އަލްޖީރިއާ ސްކޮޑުން ޖާގަލިބިފައިވެއެވެ. މީގެއިތުރުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ނަޕޯލީއަށް ކުޅޭ އާދަމް އޮނުސް އާއި އޭސީ މިލާނަށް ކުޅޭ އިސްމާއިލް ބެނާސަރ އާއި ވިޔަރެއާލްއަށް ކުޅޭ އައިސާ މަންޑީ ހިމެނެއެވެ.