ޚަބަރު

ބީއެމްއެލް ކިޑްސް ރަންގައި އެމްއޭޕީޑީއަށް 100،000 ރުފިޔާ


"ބީއެމްއެލް ވައު ކިޑްޒް ރަން" ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް، އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ހަތަރު އުމުރު ފުރާއެއްގައި ޖުމްލަ 900 އަށް ވުރެ ގިނަ ކުދިން މިއަހަރުގެ ދުވުމުގައި ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ދުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

މި ދުވުމާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ އެމްއޭޕީޑީއާ ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރމަން ޔޫޝައު ސައީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދު އެވެ.

އެމްއޭޕީޑީ އިން މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގަމުންދާ 'ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއަރ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް ވައު ކިޑްސް ރަންއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ޚާއްސަ ހަރަކާތެއް ކަމަށެވެ.

މިއަހަރުގެ ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި 2 ކިލޯމީޓަރާއި 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގެ އެކި ދިގުމިން ޚާއްސަކޮށްފައިވަނީ އެކި އުމުރުފުރާއަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.