ކުޅިވަރު

ގައުމީ އަންހެން ވޮލީ ޓީމް ލަންކާ އަތުން ބަލިވެއްޖެ


ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ އަންހެން ޓީމް ސްރީލަންކާ އަތުން ބަލިވެއްޖެއެވެ. މިމުބާރާތުގައި ގައުމީ އަންހެން ޓީމް، އެޓީމް ކުޅުނު ތިންވަނަ މެޗްގައި ސްރީލަންކާ އަތުން ބަލިވެފަައިވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަމަ ނަމަވެސް، ރާއްޖޭގެ ޓީމަށް މެޗްގެ ސެޓް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ސެޓްތައް ލަންކާއިން ގެންދިޔައީ 25-17، 25-12 އަދި 25-14އިންނެވެ.

މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ގައުމީ ޓީމަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ގިނަ ތަޖްރިބާކާރު ކުޅުންތެރިން މިފަހަރު ޓީމާއެކު ނުދެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ފާތިމަތު ޖޫޒާން، އާއިޝަތު ޝައްފަ، ޒީނިޔާ މޫސާ އަދި އާއިޝަތު މާޖިދާ ފަދަ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ޓީމާއެކު ނުދެއެވެ.

މިމުބާރާތުގައި ރާއްޖެއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، ތިން މެޗުންވެސްވަނީ ބަލިވެފައެވެ. ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އެމެޗް އުޒްބަކިސްތާން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. އަދި ދެވަނަ މެޗްގައި ރާއްޖެ ސީދާ ތިން ސެޓުން ބަލިވީ ނޭޕާލްއާއި ވާދަކުރި މެޗުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅޭ ހަތަރުވަނަ މެޗްގައި ރާއްޖެ ނިކުންނާނީ ކްރިގިސްތާނާއި ދެކޮޅަށެވެ. އަދި ފަހު މެޗްގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ. މިމުބާރާތުގައި 6 ޓީމް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.