ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާޞަބަތުގައި މާދަމާ ރޭ ރައީސް ޤައުމާ މުޚާޠަބުކުރައްވަނީ


ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާދަމާ ރޭ ޤައުމާ މުޚާޠަބު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައިވެސް، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު ގިނަކަމާއެކު، ޤައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު އަރުވާގޮތަށް ނިންމެވުމާ ގުޅިގެން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވަނީ އަރުވާފައެވެ. މާދަމާރޭ ބާއްވަވާ މި ޖަލްސާގައި، އިނާމު އަރުވާނީ ދެން ތިއްބެވި 106 ބޭފުޅަކަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވަވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެންނަވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުންވެސް އޮންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން، މި މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށްވަނީ ހަމަޖެހިފައިވަކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

މިފަދަ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ސުނާމީގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާންތައް އައު ކުރުމުގެ އިތުރުން، ދިވެހިން އެދުވަހު ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމެވެ.