ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕެއިނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުމަށް ހިންގާ ނޭއްގާނީ އަމަލެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.
”އިންޑިއާ އައުޓް“ ގެ ނަމުގައި ރައީސް ޔާމީނު އިސްވެ ހިންގަވާ ހަރަކާތާގުޅޭގޮތުން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް ނާޒުކު ޖަޒީރާ ޤައުމެއްކަމަށާއި، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ އާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހިންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާކަމަށެވެ. ދިވެހި ޚާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ދިވެހި ޤައުމުގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްކަމަށާއި، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި ރިޢާޔަތްކުރަންވާ މުހިންމު ކަމެއްކަމަށް އެޕާޓީން ނެރުނު ބަޔާނުގައިވެއެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި އެޕާޓީން ނުދެކޭކަމަށް ހާމަކޮށްފައިވެއެވެ. ޚާއްޞަކޮށް ތަރައްޤީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި އަދި ހެޔޮއެދޭ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުންބަދަހިކުރަންޖެހޭ ކަމީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއްކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ.
އެހެންކަމުން ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް އެޕާޓީން ކުށްވެރިކުރާކަމަށާއި، ޚާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު އެޕާޓިން ކަންބޮޑުވާކަމަށްވެސް ބަޔާނުގައިވެއެވެ.
ރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަށް ދެމިގެން އަންނަ ޒަމަންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖާކަމަށާއި، މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންކަން ކަމަށްވެސް ބަޔާނުގައިވެއެވެ. އެމަނިކުފާނު މިހާރު ކުރިއަށްގެންދަވާ ކެމްޕޭނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުމަށް ހިންގާ ނޭއްގާނީ އަމަލެއްގެ ގޮތުގައި އަދާލަތުން ވަނީ ސިފަކޮށްފައެވެ.
އެކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަޤުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ޤައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުންކަމަށާއި، ޢަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.
މިސަރުކާރުން ކުރައްވާކަމަކީ ކުރީ ސަރުކާރުތަކުން ފެށިގެން ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒްކުރުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކަތަކީ ޤައުމަށްވެވޭ ޚިޔާނާތެއްކަމަށާއި، އެކަން ކުރަން ދިވެހި ސަރުކާރުން ޖާގަ ނުދެއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.