ޚަބަރު

އާސަންދައިން ހޯދި ޚިދުމަތުގެ ތަފްސީލް މިހާރު ބަލާލެވޭނެ


އާސަންދައިން ހޯދާ ޚިދުމަތުގެ ތަފްސީލް ބަލާލެވޭ "އާސަންދަ" މޯބައިލް އެޕްލިކޭޝާން ތަޢާރަފްކޮށްފިއެވެ. އާސަންދަ ކުންފުނީގެ 10ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި، މި އެޕް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

"އާސަންދަ" މޯބައިލް އެޕްލިކޭޝަނަކީ، އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ޚިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ޚިދުމަތަށް ރެޖިސްޓްރީވުމުން، އެމީހަކު ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްސީލް ފެންނާނެއެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތައްވެސް ފެންނާނެއެވެ. މީގެ އިތުރުން އެމީހަކު ހޯދާފައިވާ ޚިދުމަތްތަކަށް ޚަރަދުވާ މިންވަރުވެސް ފެންނާނެއެވެ.

އާސަންދައިން "އާސަންދަ" ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޚިދުމަތްތައް ވީހާވެސް ދެފުށްފެންނާނެހެން، ރައްޔިތުންނާ ގާތުން ދިނުމަށެވެ. އަދި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިނގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.

މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ޚިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތްވެސް ހަދާފައެވެ. މި ޚިދުމަތުގައި، އާސަންދައިން ހޯދި ޚިދުމަތާ، ޚިދުމަތް ހޯދި ތަނާއި ޚަރަދުވި ފައިސާގެ ޢަދަދު މެސެޖުން ލިބޭނެއެވެ. މެސެޖް ލިބޭނީ އާސަންދަ ޚިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

އާސަންދައިން ދަނީ ޢާއްމުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ތައާރަފްކުރަމުންނެވެ. އެގޮތުން އާސަންދަ ކުންފުނީގެ ޔޫޓިއުބް ޗެނަލްވެސްވަނީ ލޯންޗްކޮށްފައެވެ. މިއީ އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން އާއްމުންނަށް ލިބޭނެގޮތް ހަމަޖެއްސުމަށް ހެދި ޗެނަލްއެކެވެ. ޔޫޓިއުބް ޗެނަލް މެދުވެރިކޮށް، ކުރު ވީޑިއޯ ކްލިޕްތަކަކުން އާސަންދައިގެ ޚިދުމަތްތަކާއި ޚިދުމަތްތައް ހޯދުމަށް ހުށައަޅާނެ ގޮތްތަކުގެ މަޢުލޫމާތުވެސް ލިބޭނެއެވެ.

އާސަންދައިންވަނީ ހުރިހާ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައްވެސް އެއް ވިއުގައަކުން ގުޅާލާފައެވެ. މި ވިއުގަ މެދުވެރިކޮށް، މީހާ ޑޮކްޓަރަށްދެއްކުމާ ގުޅޭ މަޢުލޫމާތުތައް އެއް ވިއުގައަލުން ބަލާލެވޭނެއެވެ.