ޚަބަރު

"ކަނޑު ހުރަސްކޮށް ބޭސްފަރުވާއަށް، ރައްޔިތުން މާލެ ގެނައުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން"


ކޯވިޑްގެ ޙާލަތާއެކު ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒުކުރުމުގެ މުހިންމުކަން ފެނިގެން ހިނގައްޖެކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުންޏަށް 10 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ފަށާފައިވަނީވެސް މި އަމާޒަށްކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކޯވިޑާއެކު މާލެއަށް ދަތުރުނުކުރެވި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ރައްޔިތުން ބަރޯސާވާންޖެހުނުކަމަށެވެ. އަދި މިޙާލަތަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް މިހާތަނަށް ގެނެވިފައިވާ ކުރިއެރުންތައްވެސް ފެނިގެންދިޔަ ޙާލަތެއްކަމަށެވެ. އެގޮތުން ކުރިން އަތޮޅުތަކުގައި ނުކުރާ، ބޮޑެތި އެތަށް އޮޕަރޭޝަންތައް ހޮސްޕިޓަލްތަކުގައިކޮށް، އަތޮޅުތަކުގެ ސިއްޙީ ނިޒާމަށް ޢާއްމުންގެ އިތުބާރު ބޮޑުވާންފަށާފައިވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އާމަޒާ އެއްގޮތަށް، އަތޮޅުތަކުގެ 5 ސަރަޙައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.

"އަތޮޅުތަކުގައި 5 ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދޭ. ކޯވިޑް ޙަލަތާއެކު ފެނުނީ ގިނަ ސާޖަރީތަކެއް އަތޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކުން ކުރަން ފެށިތަން. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުން. ސިއްޙީ ޚިދުމަތައް ބޮޑުކަނޑު ހުރަސްކޮށް މާލެ އައުމެއް ނޫން." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސިއްޙީ ދާއިރާއަށް ބަލާއިރު ކަންބޮޑުވާ ކަންތައްތަކެއްވެސް ފެންނަމުންދާކަމަށެވެ. އެގޮތުން މިއަހަރަށް ބަލާއިރު، އާސަންދައިގެދަށުން ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަންދިޔަ މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންނަކީ ކެންސަރު ފަރުވާއަށް ދިޔަ މީހުންކަމަށެވެ. ކެންސަރަކީ މީހާގެ ޢާއްމު ސިއްޙީ ދުޅަހެޔޮކަމާ ވަރަށްބޮޑަށް ގުޅިފައިވާކަމަކަށްވާއިރު، ޢާއްމު ސިއްޙަތުގެ ކަންކަން ރަނގަޅުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.

"މިހާގެ ހަށިގަނޑުގެ ދުޅަހެޔޮކަން ވަރަށް މުހިންމު. ސިއްޙީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ފަރުދީ ލެވަލްއިން ފެށިގެން، ސްކޫލް ހޮސްޕިޓަލްތައް، ކައުންސިލްތައް އަދި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމުގައި ޑޮކްޓަރުންގެ ދައުރު ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ ބަލިމީހާ ބަލިން ރަނގަޅުވުމުގައި ބޮޑު ރޯލެއް އަދާކުރަނީ އެމީހަކަށް ހިތްހެޔޮކަމާއެކު ދޭ ޚިދުމަތްކަމަށެވެ. އެންމެންނަކީ ހޭލުންތެރި ބައެއްގެ ގޮތުގައި ނުދެކި، ވީހާވެސް ދޭހަވާނެގޮތަށް މަޢުލޫމާތުދީ ފަރުވާދިނުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.