ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝާ ދެ ޤައުމުގެ އެންމެ ވަރުގަދަ ގުޅުމަކީ ރައްޔިތުންގެ ގުޅުން: ރައީސް


ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް އެންމެވަރުގަދަ ގުޅުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ޝަރަފްގައި ބޭއްވެވި ފުރަމާނަ ޖާފަތް އޮތީ ކުރުނބާ މޯލްޑިވްސްގައެވެ. މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ބޮޑުވަޒީރު ހަސީނާގެ މިދަތުރުފުޅުގެ ސަބަބުން ދެޤައުމަށްވެސް ފައިދާތަކެއް ކުރާނެކަމަށް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުމެއް އޮތް ޤައުމެއްކަން ފާހަގަކުރައްވާ ދެޤައުމުގެ ވެރިން މިއަހަރު ކުރެވި ދަތުރުފުޅުތަކުގެ ސަބަބުންއެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ދެޤައުމުގެ މެދުގައި މިއަދު އެކުލަވާލި އެއްބަސްވުންތަކު މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްގެ ދެމެދުގައިއޮތް އެންމެ ވަރުގަދަ ގުޅުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންކަމަށެވެ. މިގޮތުން ގިނަ ޢަދަދެއްގެ ދިވެހިން ބަންގްލަދޭޝްގައި ތަޢުލީމް ޙާސިލްކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސްވަނީ ބަންގްލަދޭޝްގެ ޑޮކްޓަރުންނާއި ޓީޗަރުންގެ ފަރާތުން ދިވެހިންނަށް ގިނަ ޚިދުމަތްތަކެއް ލިބެމުން އަންނަކަމަށާ، އެޤައުމުގެ ގިނަ ޢަދަދެއްގެ މަސައްކަތް ތެރިން ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގައި އެމީހުންގެ ދައުރު އޮންނަކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ބޮޑުވަޒީރު ޝައިޚް ހަސީނާ އެޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގައި އެކަމަނާގެ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ ބާނީ ބަންގަބަންދު ޝައިޚް މުޖީބުއްރަޙްމާންގެ އުސޫލްތަކާއި ސިޔާސަތުތަކުގައި ހިފަހައްޓަވާކަމަށެވެ. އެކަމުގެ ސަބަބުން އެޤައުމަށް ހެޔޮ ބަދަލުތަކެއް އަންނަކަމަށް ވިދާޅުވެ ރައީސް ވަނީ ތަޢުރީފްކުރައްވާފައެވެ.

މި ޖާފަތުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެފަދަ ރީތި ޤައުމަކަށް ވަޑައިގަތުމަށް ދަޢުވަތުދެއްވައި ރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ދެޤައުމުގެ މެދުގައި ދީނީ، ޝަޤާފީ އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކަށް ތަޢުރީފްކުރެއްވިއެވެ. މިގޮތުން ކޯވިޑް-19ގެ އެންމެ ދަތި ވަގުތުގައިވެސް ބަލި ކޮންޓްރޯލްކޮށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލައި ހޯދަމުން އަންނަ ކުރިއެރުންތަކަށް ތަޢުރީފްކުރެއްވިއެވެ.

ހަސީނާގެ ވާހަފުޅުގައި ދެޤައުމުންވެސް އެންމެ އިސްކަންދެނީ އިންސާނީ ވަސީލަތް ތަރައްްޤީކޮށް މީހުން ބިނާކުރުންކަމަށްވެސް ވިދާޅުވިއެވެ. އަދި ދެޤައުމުންވެސް ފަގީރުކަން ނައްތާލުމަށް ކުރާ މަސައްކަތުގައި ހޯދަމުން އަންނަ ކާމިޔާބިއަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ ދެކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމްދު މުޢުތަސިމް އަދުނާނާއި، ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި، ބަންގްލަދޭޝްގެ ވަފްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.