ވިޔަފާރި

މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް ކިރާ މަހުގެ އަދަދު އިތުރުވެއްޖެ


ރާއްޖޭގެ އެކި ހިސާބުތަކަށް މަސްވެރިކަން ރަނގަޅުވެ މިފްކޯއަށް މަސްކިރާ މިންވަރު އިތުރުވެއްޖެއެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށްވެސް މިފްކޯއަށް ކިރާފައިވާ މަހުގެ އަދަދު ވަނީ އިތުރުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯއިން ވިދާޅުވީ، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 400 މެޓްރިކް ޓަނާއި 500 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ގަންނަމުންދާކަމަށެވެ. މިގޮތަށް މަސް ގަންނަމުންދާތާ 2 ހަފްތާ ވެފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މަސްވެރިކަން މި ދުވަސްކޮޅު ރަނގަޅުކަމަށެވެ. ވަކިން ޚާއްސަކޮށް ހުވަދު އަތޮޅަށާއި އައްޑު އަތޮޅަށް މަސްވެރިކަން ރަނގަޅުކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ބުނީ ދޯނިފަހަރުން ދުވާލަކަށް 5 ޓަނާއި 25 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ބާނަމުންދާކަމަށެވެ.

މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯގެ ޖަޒީރާ 102 ބޯޓުވަނީ މަސްގަންނަން ފަށާފައެވެ. މި ބޯޓު މަސްގަންނަން ފެށުމާއިއެކު ދުވާލެއްގެ މައްޗަށް މަސް ގަނެވޭ މިންވަރު ގަނެވޭ އަދަދު 100 ޓަނަށް އިތުރުވެގެންދާނެއެވެ.

މިފްކޯއިން ބުނީ މިމަހުގެ ބާކީއޮތް ދުވަސްތަކުގައިވެސް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ ޓަނުގެ މަސް ގަނެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި މިފްކޯއަށް މުޅި ޖުމްލަ ގަނެފައިވަނީ 49،392 ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް މިފްކޯއިން 54،600 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ ގަނެފައެވެ. މިއީ ބޮޑު އަދަދެއްގެ އިތުރުވުމެކެވެ. މިފްކޯއިން ބުނީ ކޮންމެ ހަފްތާއެއް ނިމުމުން އެ ހަފްތާއަށްވާ ފައިސާ މިފްކޯއިން މިހާރު މަސްވެރިންނަށް ދެމުންދާކަމަށެވެ.