އިރާޤުގެ ބޮޑުވަޒީރު
ހައިދަރުލްއަބާދީ އެޤައުމުގެ ރަމާދީ ސިޓީގައި އިރާޤުގެ ގައުމީ ދިދަ ރަސްމީ
ސިފައެއްގައި ނަންގަވައި ދެއްވައިފިއެވެ.
ރަމާދީގައި އިރާޤުގެ ދިދަ ނަންގަވައި ދެއްވީ އައިއެސް ޖަމާއަތުގެ އަތްދަށުން
އެސިޓީ މިނިވަން ކުރުމާއި އައިއެސްގެ މައްޗަށް އިރާގު ސިފައިން ހޯދި ނަސްރު ފާހަގަ
ކުރުމުގެ ގޮތުންނެވެ.
އިރާގުގެ ބޮޑުވަޒީރު
ހައިދަރުލްއަބާދީ ރަމާދީ އަށް ވަޑައިގެންފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި
އިރާގު ސިފައިންގެ އަސްކަރީ ހެލިކޮޕްޓަރެއްގައެވެ. އަބާދީ އެސިޓީއަށް ވަޑައިގެންނެވި މަންޒަރާއި ރަމާދީ ގެ ގަވަރުނަރާއެކު އެސިޓީގެ
މަގުތަކުގައި އަބާދީ ހިންގެވި މަންޒަރުތައްވަނީ އިރާގު ޓީވީން ދުރަށް ދައްކާފައެވެ.
އަދި އައިއެސް އަތްދަށުން ރަމާދީ މިނިވަންކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވި
އިރާގު ސިފައިންނާއި ކޮމާންޑަރުންނާ އަބާދީ ބައްދަލުކުރެއްވި މަންޒަރުތަކާއި ރަމާދީގައި އަބާދީ އިރާގުގެ ދިދަ ނަންގަވައި
ދެއްވި މަންޒަރުވެސް އިރާގުގެ ޓީވީން ވަނީ ދުރަށް ދައްކާފައެވެ.
"އަހަރެމެން އިރާގުގެ ރައްޔިތުންނަށް މަރްހަބާކިޔަން، އިރާދަކުރެއްވިއްޔާ
އަހަރެމެން އައިއެސް ޖަމާއަތް ފައްސަމުން އެއްއަވަށުން އަނެއް އަވަށަށް ދާނަން.
އެތަންތަނުގައި އިރާގުގެ ނިދަނަގާނަން، އަދި އައިއެސްގެ އެންމެ ފަހުމީހާގެ
ކިބައިންވެސް އިރާގުގެ ބިންތައް ސާފުކުރާނަން، ނައިނަވީއާއި މޫސަލްގެ
ރައްޔިތުންނަށް ބުނެލަންއޮތީ އައިއެސްގެ ކިބައިން ތިޔަ ރައްޔިތުން މިނިވަން
ކުރުމަށްޓަކައި އަހަރެން ދާނެވާހަކަ، ރަމާދީގައި އައިއެސް ބަލިކުރިގޮތަށް ތިޔަ
ތަންތަނުގައިވެސް ބަލިކުރާނަން، ރަމާދީގައިވެސް އައިއެސްގެ ހަނގުރާމަވެރިންވަނީ
ބަލިކަށިވެ އަދިއެންމެ ފަހުން ބިރުން ފިލައިގެން ގޮސްފާ". ރަމާދީގައި އިރާގުގެ ގައުމީ ދިދަ ނަންގަވައި ދެއްވުމަށް ބޭއްވި ކުޑަ
ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަބާދީ ވިދާޅުވިއެވެ.
އައިއެސް ޖަމާއަތުގެ އަތްދަށުން ރަމާދީ މިނިވަން ކުރެވިއްޖެކަން އިރާގު ސިފައިން
އިއުލާންކުރިތާ 24 ގަޑީއިރުވެސް ނުވަނީސް އަބާދީ އެސިޓީއަށް ވަޑައިގެންނެވުމަކީ
ރަމާދީގައި އައިއެސް ޖަމާއަތުގެ މައްޗަށް އިރާޤު ސިފައިން ހޯދި ކާމިޔާބީގެ
މުހިއްމުކަން އިރާގު ސަރުކާރުން ދެކޭކަމުގެ ހެއްކެތްކަމަށްވަނީ ބެލެވިފައެވެ. މިކާމިޔާބީއާއި
ގުޅިގެން ބައެއް ގައުމުތަކުންވަނީ އިރާގު ސަރުކާރަށް މަރުހަބާ ކިޔާފައެވެ. މީގެތެރޭގައި އެމެރިކާއާއި ފަރަންސޭސިވިލާތާއި އީރާނާއި ރަޝިޔާފަދަ ގައުމުތައް
ހިމެނެއެވެ. ރަމާދީ އައިއެސްގެ އަތްދަށުން މިނިވަން ކުރެވުނު ނަމަވެސް
އައިއެސްއިން ފައިހަރުކޮށްލާފައިވާ އިރާގުގެ ހުޅަނގު އުތުރުގެ ބޮޑު ދެސިޓީ
ކަމަށްވާ މޫސަލް އާއި ނައިނަވީ މިނިވަން ކުރުމުގެ ހަނގުރާމަ ވަރަށް އުނދަގޫވެފައި
ނުރައްކާތެރިވާނެކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިގޮތުން ރަމާދީން
ފިލައިގެންދިޔަ އައިއެސްގެ ހަނގުރާމަވެރިން މޫސަލްއާއި ނައިނަވީގައި އިރާގު
ސިފައިން އަލުން ކުރިމަތިލާނެކަމާއި އަދި އައިއެސްގެ ހަނގުރާމަވެރިންގެ ކާރުބޮމުގެ
ޙަމަލާތަކާއި އަމިއްލައަށް މަރުވެގެންދޭ ނުރައްކާތެރި ހަމަލާތަކާ މިދެ ސިޓީގައި
އިރާގު ސިފައިން ކުރިލާންޖެހޭނެކަމަށްވެސް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.
މިދިޔަ މޭމަހުން ފެށިގެން
އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިއޮތް ރަމާދީ މިނިވަން ކުރެއްވުމަކީ އައިއެސް އާއި
އެޖަމާއަތަށް ވާގިވެރިވާ ފަރާތްތަކަށް އިރާގު ސިފައިން ދިން ވަރުގަދަ ފިލާވަޅެއް
ކަމަށް އިރާގުންވަނީ ސިފަކޮށްފައެވެ.