ޚަބަރު

ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޯވިޑަށް ޕޯޒިޓިވެއްޖެއެވެ.

އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު އެމެރިކާގައި ދިރިއުޅުވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިްވިކަން އެނގިވަޑައިގަތީ އިއްޔެކަމަށެވެ. އަދި ބަލީގެ އަސަރުކުޑަކޮށް ފެންނަ ހުރިކަމަށާއި މި ވަގުތު ގޭގައި އެކަހެރިވެ ހުންނެވިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކުރައްވާފައިކަމަށާއި ބޫސްޓަރ ޑޯޒްވެސް މިދިޔަ ހަފްތާގައި ޖައްސަވާފައިވާކަމަށެވެ.

އ.ދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑަގަތުމަށްފަހު ޢަބްދުﷲ ޝާހިދު ގެންދަވަނީ ކޯވިޑުން އަރައިގަތުމަށް ހުރިހާ ޤައުމަތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާ އެކަމަށް މަސައްކަތްކޮށްދެއްވަމުންނެވެ. އަދި ކޯވިޑްގެ ވެކްސިންވެސް ވަކި އާބާދީއަކަށް ބެލުމެންނެތި ހުރިހާ ޤައުމަކަށް ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އެކަމަށް އެމަނިކުފާނު ގެންދަވަނީ ވަކާލާތުކުރައްވަމުންނެވެ.