ޚަބަރު

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރަނީ ރާޝިދު


އަންނަ އަހަރުގެ ފެބުރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓް އިއުލާންކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ އެމްޑީޕީން ހުޅުވާލުމުން ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ ށ.ފޯކައިދޫ ޔުނިވާސް، މުޙައްމަދު ރާޝިދުއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެއްބޭފުޅަކު ކުރިމަތިލުމުން އޭނާއަށް ޕްރައިމަރީއަކާއި ނުލައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާގުޅިގެންނެވެ. ހުސެއިން ވަހީދު މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީތަކަކީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން، އެމްއެންޕީންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މިއަދު ހެނދުނު 8:30އިން ފެށިގެން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.