ދުނިޔޭގެ ވިޔަފާރި

ޖަޕާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް 317 ބިލިއަން ޑޮލަރުގެ ސަޕްލިމެންޓަރީ ބަޖެޓެއް


ކޯވިޑް-19އާ ގުޅިގެން އައި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް 2021ގެ ފިސްކަލް އަހަރަށް ޚާއްޞަކޮށްގެން ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުން ރިކޯޑު ޢަދަދެއްގެ އެކްސްޓްރާ ބަޖެޓެއް ފާސްކޮށްފިއެވެ.

ޖުމްލަ 36 ޓްރިލިއަން ޔެން ނުވަތަ 317 ބިލިއަން އެމެރިކާ ޑޮލަރުގެ މި ބަޖެޓަކީ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ހޯދުމަށާއި، މާލީގޮތުން އެހީތެރިކަން ބޭނުންވާ އާޢިލާތަކަށް އެހީވުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހަމަޖެއްސި ބަޖެޓެއްކަމަށް ޖަޕާނުގެ ސަރުކާރުން ހާމަކުރެއެވެ.

ޖަޕާނުން މިހާތަނަށް ފާސްކުރި އެންމެ ބޮޑު ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން އެޤައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވީ ބަޖެޓުގެ 22 ޓްރިލިއަން ޔެންއާ ގާތްކުރާ ޢަދަދަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ފިސްކަލް އަހަރުގެ ތެރޭގައި އެޤައުމުގެ ސަރުކާރުން އެކުލަވާލުމަށް ހަމަޖެހިފައިވާ ބޮންޑުތަކުން ކަމަށެވެ. އަދި މިދިޔަމަހު އެޤައުމުން އިޢުލާންކުރި 79 ޓްރިލިއަން ޔެންގެ އިކޮނޮމިކް ޕެކޭޖަށްވެސް މި ބަޖެޓުން ފަންޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ޖަޕާނުގެ ސަރުކާރުން ހާމަކުރާގޮތުގައި މި ބަޖެޓުގެ ސަބަބުން އެޤައުމުގެ ޢާއްމު މާލީ ޙާލަތު ރަނގަޅުވެ، އުފެއްދުންތެރިކަން 5.6 އިންސައްތަ ކުރިއަރައިގެން ދާނެކަމަށް ލަފާކުރެއެވެ. އަދި ސަޕްލައި ޗެއިންތައް ވަރުގަދަވެ، ވިޔަފާރިތަކަށް ޑިޖިޓަލް އަދި ތިމާވެއްޓާ ރަށްޓެހި މަސްދަރުތައް ތަޢާރަފްކުރުމުގެ ފުރުޞަތުލިބިގެން ދާނެކަމަށް އެޤައުމުން ހާމަކުރެއެވެ. މީގެ އިތުރުން ދިގު މުއްދަތަށް ބަލާއިރު ޢާއްމު ރައްޔިތުންގެ ފުދުންތެރިކަމާއި، އިޤްތިޞާދީ ކުރިއެރުން އެދެވޭ މިންގަނޑެއްގައި ހިފެހެއްޓިގެން ދާނެކަމަށް ލަފާކުރާކަމަށް ޖަޕާނުގެ ސަރުކާރުން ހާމަކުރެއެވެ.

އިޤްތިޞާދީ ދުވެލި ބާރުކުރުމަށްޓަކައި މިދިޔަ ފިސްކަލް އަހަރު ތެރޭގައި ޖަޕާނުން ވަނީ 3 އެކްސްޓްރާ ބަޖެޓެއް ފާސްކޮށްފައެވެ.