ވިޔަފާރި

އަތޮޅު ފިހާރަތަކުގެ ފައިސާ އަލުން ކައުންސިލްތަކަށް، ހެޔޮ ބަދަލެއް!


މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ، އަތޮޅު ފިހާރަތަކަކީ ފެށުމަށް ބަލާނަމަ އަތޮޅުތަކުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ކޮންމެ އަތޮޅެއްގެ ރައްޔިތުންގެ ހިއްސާ އޮންނަގޮތަށް ހިންގައި އެތަންތަނުން ލިބޭ ފައިދާ އެފިހާރައެއް ނިސްބަތްވާ އަތޮޅަކަށް ދެއްވާގޮތަށް ސަރުކާރުން ހަމަޖައްސަވާފައި އޮތް ނިޒާމެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އަތޮޅުތަކަށް މިފިހާރަތަކުގެ ފައިދާ ލިބެމުން ނުދެއެވެ. އެކަމުގެ ޝަކުވާ ބައެއް އަތޮޅު ކައުންސިލްތަކުން ކުރެއެވެ.

ނިމިދިޔަ ސަރުކަރުގެ ދުވަސްވަރު، 2014ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެންމެ އެދެވޭ ނަފާ ހޯދައިދިނުމުގެ މަސައްކަތް ފެށްޓެވިއެވެ.

އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ވަނީ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 2014ވަނަ އަހަރާއި 2015ވަނަ އަހަރު ލިބެންޖެހޭ ފައިސާ ދެއްވާއެވެ. އެއަށްފަހު ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދެންހުރި އަހަރުތަކަށްވާ ފައިސާ ޖަމާކޮށްނުދެވި ދުވަސްކޮޅެއް ވުމަށްފަހު މިހާރު ފިނޭންސް މިނިސްޓްރީން ވަނީ 2016ވަނަ އަހަރާއި 2017ވަނަ އަހަރުގެ ފައިސާވެސް ކައުންސިލްތަކަށް ޖަމާކޮށްދެއްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2016ވަނަ އަހަރު އަތޮޅު ފިހާރަތަކުން 20 އަތޮޅަކަށް 17،911،570.88 (ސަތާރަ މިލިޔަން ނުވަ ލައްކަ އެގާރަ ހާސަ ފަސް ސަތޭކަ ހަތްދިހަ ރުފިޔާ އަށްޑިހަ އަށް ލާރި) ވަނީ ދޫކޮށްފައެވެ. އަދި 2017ވަނަ އަހަރަށްވާ 20،525،983.14 (ވިހި މިލިޔަން ފަސް ލައްކަ ފަންސަވީސް ހާސް ނުވަ ސަތޭކަ އަށްޑިހަ ތިން ރުފިޔާ ސާދަ ލާރި)ވަނީ ދޫކޮށްފައެވެ.

މިއީ މި ސަރުކާރުން ލާމަރުކަޒީ އުސޫލަށް ގެނައި ބަދަލާއިއެކު ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރެވެމުންދާ މަސައްކަތުގެތެރެއިން ފާހަގަކޮށްލެވޭ ބަދަލެކެވެ. މިސަރުކާރުން ވަނީ ރަށްރަށް ތަރައްޤީކުރުމަށް ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެއްވާފައެވެ. އަދި ޤާނޫނީގޮތުން ކަންސިލްތަކުގެ އިޚްތިސާސް ފުޅާކުރައްވައި މާލީގޮތުން ބާރުވެރިކުރުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ލިބޭ އާމްދަނީން ލޯނު ދޫކުރެވޭނެ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާހުގެންނަވައި އެކަން މިހާރުވަނީ ތަންފީޒުކުރަން ފަށާފައެވެ. ކައުންސިލްތަކުގެ ނަމުގައި ލޯނުނަގައި އެކިއެކި މަޝްރޫޢުތައް ހިންގުމުގެ ބާރުވެސް މިހާރުވަނީ ލިބިދީފައެވެ.

ލާމަރުކަޒީ ނިޒާމަށް މިއަހަރު 12 އަހަރު ފުރިގެންދިޔައިރު، ރައްޔިތުންނަށް ލިބިގެން މިދިޔަ ޤާނޫނީ ބާރުވެރިކަމާއެކު ރައްޔިތުންނާއި ސަރުކާރުންވެސް އެންމެބޮޑަށް އުއްމީދު ކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމެވެ. މިކަން ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ފަދައިން މިހާރު ކައުންސިލްތަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތްކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.