ޚަބަރު

ސްޓޭޓް އޮފް ދި އަރޓް ޓިވެޓް ސެންޓަރ އަލިފުށީގައި، ކޮންޓްރެކްޓަރެއް ހޯދަނީ


މުހިންމު ދާއިރަތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ތަރައްޤީކުރާ ފުރަތަމަ ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރ، ރ.އަލިފުށީގައި ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މިއީ ސްޓޭޓް އޮފް ދި އަރޓް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރެކެވެ.

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ފަށާފައިވާ މަސައްކަތެކެވެ. މިދާއިރާތަކަށް ޒުވާނުން ބިނާކުރުމަށް ހިންގުމަށް ނިންމާފައިވާ އެންމެ ބޮޑު މަޝްރޫޢަކީ ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށް ޕްރޮގްރާމްތައް ފެށުމެވެ. މިމަސައްކަތުގައި ތަރައްޤީކުރާ ފުރަތަމަ "ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ ސެންޓަރ" ތަރައްޤީކުރަނީ ރ.އަލިފުށީގައެވެ.

ރ.އަލިފުށީގައި ބިނާކުރާ މި ޓިވެޓް ސެންޓަރގެ ފަރުމާ ޚާއްސަ ކޮށްފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މިސެންޓަރުގައި ހިންގާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްޓޭޓް އޮފް ދި އާރޓް ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ.

އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

މި ސެންޓަރު ގާއިމްކުރާއިރު ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރާނެއެވެ. މިއީ އެއްތަނެއްގައި ތިބެގެން ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް ހަދާ އެކަމަޑޭޝަން ބްލޮކެކެވެ. މިތަނުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތައް ޤާއިމުކޮށްފައި ހުންނާނެއެވެ.

މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

މި ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 38,328 އަކަފޫޓްގެ ޖާގައިގަ، ދެ ފަންގިފިލާއަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން، އެކޮމަޑޭޝަން ބްލޮކަކާ އެކު ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިންގ (ޓިވެޓް) ސެންޓަރެއް ޢިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި، ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ފިނޭނެސް މިނިސްޓްރީން މިހާރުވަނީ އިޢުލާންކުރައްވާފައެވެ.

މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 2022 ޖެނުއަރީ 11ވަނަ ދުވަހު، 10:00ގައި މިނިސްޓްރީ އޮފް ފިނޭންސްގައެވެ.