ޚަބަރު

އީޕީއެސްގެ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށްފި


އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް)އަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެވި ބޭބޭފުޅުންގެ އަގު ވަޒަންކޮށްފިއެވެ. އީޕީއެސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދިޔަ "ޚިދުމަތުގެ ހަވީރު" ޙަފްލާގައި 26 ބޭފުޅަކަށް ވަނީ ޚިދުމަތުގެ ހަނދާނީ ފިލާ އަރުވާފައެވެ. ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

1969ވަނަ އަހަރު އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް އުފައްދަވައި އެސްކޫލުގެ ތަޢުލީމީ ޚިދުމަތް 52 އަހަރުގެ މުއްދަތަކަށް ދީފައިވެއެވެ. ސްކޫލްގެ ކިޔެވުން 2008ވަނަ އަހަރާ ހަމައަށް ކުރިއަށްގެންގޮސްފައިވެއެވެ.

އީޕީއެސް ފައުންޑޭޝަންގެ "ޚިދުމުގެ ހަވީރު" ހަފްލާފައިވަނީ އެކިގޮތްގޮތުން އީޕީއެސް ކުރިއެރުވުމަށް މަސައްކަތްކުރެއްވި ބޭބޭފުޅުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. މީގެތެރޭގައި އީޕީއެސްގެ ފައުންޑަރުންނާއި ސްކޫލަށް ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވި ޓީޗަރުންނާއި ޚިދުމަތްތެރި މުވައްޒަފުންނާއި ސްކޫލް ރަންޒަމާނަށް ގެނެސްދިން އާދަޔާ ޚިލާފު ޝަހުސިއްޔަތުންގެ އަގު ވަޒަންކޮށްފައިވެއެވެ.

އަދި ސްކޫލުން ތަޢުލީމް ޙާސިލްކޮށް ނިންމެވުމަށްފަހުވެސް، ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވެ ޚިދުމަތްކޮށްދިން ސްކޫލްގެ ދަރިވަރުންގެ އަގު ވަޒަންކޮށްފައިވެއެވެ. އީޕީއެސް ފައުންޑޭޝަންގެ ފަރާތުންވަނީ ޖުމްލަ 26 ބޭފުޅެއްގެ އަގު ވަޒަންކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީޕީއެސް ފައުންޑޭޝަންގެ ރައީސް މަރިޔަމް އާދިޔާ ވިދާޅުވީ އީޕީއެސްއަކީ ކޮންމެގޮތަކުން ބެލިނަމަވެސް މިހާރުގެ ސްކޫލްތަކަށް ނަމޫނާ ސްކޫލެއްކަމަށެވެ. އެސްކޫލަކީ ޤައުމުގެ ވަލިއްޔުލް އަމްރު، ނައިބް ރައީސުން، މަޖިލިސް ރައީސުން އަދި ރާއްޖެއަށް ޚިދުމަތްކުރުމަށް މިނޫންވެސް ގިނަ ޚިދުމަތްތެރިންތަކެއް އުފެއްދި ސްކޫލެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސްކޫލްގެ ޚިދުމަތް މިއަދުގެ ދަރިންނަށް ލިބެން ނެތުމަކީ ތަޢުލީމީ ދާއިރާއަށް ލިބޭ ނިކަމެތިކަމެއްކަމަށްވެސް އާދިޔާ ވިދާޅުވިއެވެ. އީޕީއެސްއަކީ އަތުޅުތަކުން މާލެއަށް މަޢުލީމް ޙާސިލްކުރުމަށްއައި އެތަށް ދަރިވަރުންނަށް ހުޅުވުނު ދޮރުކަމަށްވެސް އާދިޔާ ވިދާޅުވިއެވެ.

"މިއީ ހުރިހާ ގޮތަކުންވެސް ކުރިއެރި ސްކޫލެއް. ސްކޫލްގެ ރަން ތާރީޚް ލިޔެ ރައްކާތެރިކުރަންޖެހޭ. ސްކޫލްގެ ތަޢުލީމީ ނިޒާމު ދިރާސާކޮށް ތަޢުލީމީ މޮޑެލްއެއް ތައްޔާރުކުރުމަށް ރިސަރޗް ގްރާންޓެއް ދިނުމަށްވެސް ހުޅުވާލަން ދަސްތުކުރަން. އުއްމީދަކީ އިޕީއެސް ސްކޫލް އަލުން މި ފަސްގަނޑުން ފެނިގެން ދިއުން." އާދިޔާ ވިދާޅުވިއެވެ.

މި ހަފްލާގައިވަނީ ސްކޫލްގެ ދިރާސާ ޕޮރޮޖެކްޓް "ރަން ތާރީޚް" އިފްތިތާހްކޮށްފައެވެ. ދިރާސާ ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

83 ދަރިވަރުންނާއެކު ތަޢުލީމީ ޙަޔާތްފެށި އީޕީއެސްއިން، 27،000އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކޮށްފައިވެއެވެ.