ދުނިޔޭގެ ވިޔަފާރި

މެލޭޝިއާ ކުންފުންޏަކުން އުފައްދާ އަންގި އެތެރެކުރުން އަނެއްކާވެސް އެމެރިކާއިން މަނާކޮށްފި


ޤަވާޢިދާ ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާކަމުގެ ތުހުމަތުގައި، މެލޭޝިއާއަށް ނިސްބަތްވާ 5ވަނަ ކުންފުންޏަކުން އުފައްދާ އަންގި އެމެރިކާއަށް އެތެރެކުރުން މަނާކޮށްފިއެވެ.

ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރުވާފައިވާކަން ހާމަވެ، މެލޭޝިޔާގެ އަންގި އުފައްދާ 4 ކުންފުންޏެއްގެ އުފެއްދުން އެތެރެކުރުން އެމެރިކާއިން ވަނީ މަނާކޮށްފައެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަނުން މިދިޔަ ހޯމަދުވަހު ވިދާޅުވީ މެލޭޝިޔާގެ ބްރައިޓްވޭ ގްރޫޕުގެ އުފެއްދުންތައް އިމްޕޯޓުކުރުން މަނާކޮށްފައިވާކަމަށެވެ. އެގޮތުން ބްރައިޓްވޭ ގްރޫޕުގެ ކުންފުނިތައް ކަމަށްވާ ބްރައިޓްވޭ ހޯލްޑިންގްސް އާއި، ލާގްލަވް އަދި ބަޔޯޕްރޯއިން އުފައްދާ ޑިސްޕޯސަބަލް އަންގި، އެމެރިކާގެ އެއްވެސް ޕޯޓަކުން ކްލިއަރ ނުކުރުމަށް އަންގާފައިވާކަމަށް އެމެރިކާގެ ކަސްޓަމްސްގެ އިދާރާއިން ހާމަކުރައްވައެވެ.

އެއިދާރާއިން މިގޮތަށް ނިންމަަވާފައިވަނީ، މެލޭޝިއާ ކުންފުނީގެ އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް ގަދަކަމުން މީހުން ލައްވައި މަސައްކަތްކުރުވާފައި ވާކަމުގެ އެކަށީގެންވާ މަޢުލޫމާތު ލިބިފައިވާތީ، މިކަން އިތުރަށް ބެލި ބެލުމުން، ގަދަކަމުން މީހުން ލައްވައި މަސައްކަތްކުރުވުންކަމަށް އިންޓަނޭޝަނަލް ލޭބަރ އޮތޯރިޓީއިން ކަނޑައަޅާފައިވާ 11 މިންގަނޑުގެ ތެރެއިން 10 މިންގަނޑަށް، އެ ކުންފުނި ފެތޭތީކަމަށް ކަސްޓަމްސް ގެ އިދާރާއިން ހާމަކުރައްވައެވެ.

ރިޕޯޓުތައް ބުނާގޮތުން މިފަދަ މަޢުލޫމާތުތަކެއް ލިބިގެން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މެލޭޝިއާގެ އޮފިޝަލުން ބްރައިޓްވޭގެ ފެސިލިޓީތަކަށް ވަދެ ބެލި ބެލުމުން، ދިރިއުޅުމަށް އެކަށީގެންނުވާ މިންގަނޑެއްގައި، މަސައްކަތްތެރިން އަޅުވެތިކޮށްގެން ގެންގުޅޭ މަންޒަރު ވަނީ ފެނިފައެވެ. ނަމަވެސް މިކަމާ ގުޅިގެން ނޫސްތަކުން ސުވާލުކުރުމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގަނަޕަތީ ބަސްކަރަން ބުނެފައިވަނީ ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުވާފައި ނުވާކަން 2019ވަނަ އަހަރާއި 2020ވަނަ އަހަރުގެ އެކުންފުނީގެ އޯޑިޓް ރިޕޯޓުތަކުން ހާމަވާކަމަށެވެ.