ޚަބަރު

ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓް ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި


ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަންނަ އަހަރުގެ ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާކަމަށާއި، ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި، ކޮމިޝަނުގެ ވެބްސައިޓު އަދި ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި) ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެކަމަށެވެ.

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހައެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 02ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށެވެ. އަދި ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް [email protected] އިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމެވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެނެވެ. އިންތިޚާބާއި ބެހޭ ޤާނޫނުތައް ބުނާގޮތުން މަޖިލީހުގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީންނެވެ.