ޚަބަރު

"އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ފަރުދީ ފެންވަރުގައި ހިންގާފަނެ ކަންކަމާމެދު ކަންބޮޑުވޭ"


އިދިކޮޅުން ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާ، އެހެންނަމަވެސް ފަރުދީ ފެންވަރުގައި ހިނގާފާނެ ކަންކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު ވަނީ އިންޑިއާ އައުޓް ޙަރަކާތަކީ ޤައުމާ ދެކޮޅަށް ހިންގާ ޖަރީމާއެއްގޮތުގައި ސިފަކުރައްވައި އެ ޙަރަކާތް ހިންގަން ސަރުކާރުން ދެން ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް"ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ޢަލީ ޒާހިރު ވިދާޅުވީ، އިންޑިއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތަކެއްކަމަށެވެ. އެއީ މިސަރުކާރުން ކުރި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާއެކު މިސަރުކާރުން ޤާއިމްކޮށްފައިވާ ޚާއްޞަ ގުޅުމަކީ ސިއްރު ގުޅުމެއް ނޫންކަމަށާ، މިސަރުކާރުން ކުރައްވާކަމަކީ ކުރީ ސަރުކާރުތަކުން ފެށިގެން ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒްކުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮތްކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު، ބޭރު ގައުމެއްގެ މިލިޓަރީ އޮތްނަމަ ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ޒާހިރު ވިދާޅުވީ ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރީ ބައެއް ޑޮކްޓަރުންނާއި ޓެކްނިކަލް މީހުންކަމަށެވެ.

މިސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމަށް ހުރަސް ނާޅާނެކަމަށާ، ނަމަވެސް މުޅި މުޖުތަމައުގެ އަމާންކަން ގެއްލޭގޮތަށް ހިންގޭ ޙަރަކާތްތަކުން ގެއްލުންވެގެންދާނީ ރައްޔިތުންނަށް ކަމަށްވާތީ އެކަންކަން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކަތަކީ ޤައުމަށްވެވޭ ޚިޔާނާތެއްގެ ގޮތުގައި އަލީ ޒާހިރު ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ހިންގޭ ބޮޑު ޖަރީމާއެއްކަމަށާއި، މިކަން ކުރަން ދިވެހި ސަރުކާރުން ޖާގަ ނުދެއްވާނެކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ހަމަޖެހުމާއި ސުލްހަ މަސްލަހަތު ހިފެހެއްޓުމަކީ ސަރުކާރުން އަބަދުވެސް އިސްކުރާނެ ކަމެއްކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީތަކުގެ ނަމުގައި ސިޔާސީ ޕާޓީތަކުގެވެރިންގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން އަވަށްޓެރި ޤައުމުތަކާ ޚާއްޞަގޮތެއްގައި އެންމެ ކުރީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ އަދި ދިވެހިންގެ އެތައް ހާސް ބަޔަކު އަބަދުވެސް ޒަރޫރީ އަސާސީ ކަންތައްތަކަށް އެބައެއްގެ ފަރާތުން ފުއްދަމުންދާ އަވަށްޓެރި އިންޑިއާއާ ޒާތީގޮތުން ޖައްސާލައިގެން، އަދި ޚާއްޞަގޮތެއްގައި ވަރަށް ނާތަހުޒީބް ކަންތައްތަކެއް ހިންގަމުން ނުވިތާކުން ރަށްރަށުގައި ތިބި ފަތުރުވެރިން އޭގެތެރެއަށް ވައްދައިގެން އެކަން ކުރަން ފުރުޞަތެއް ނުދޭނަން." ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ އޮތް ގުޅުން ހީނަރު ކުރުމަށް ކުރާ މަސައްކަތުން އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް އިންޑިއާއާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރަށް ސާފުކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ހަރަކާތުގެ ސަބަބުން ދެޤައުމުގެ އާންމު ރައްޔިތުންގެ މެދުގައި ނުބައި ރޫހެއް އުފެދި ފަރުދީ ފެންވަރުގައި ހިނގާފާނެ ކަންކަމާމެދު ޢަލީ ޒާހިރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށާއި އެއީ ޤައުމާ ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށް ސިފަކުރައްވާ ވިދާޅުވީ އެއީ ޤައުމަށް ޣައްދާރުވުންކަމަށެވެ.

"ޚިޔާލު ފާޅުކުރާށޭ. އަޅުގަނޑުމެން އަޑުއެހުމުގެ ޤާބިލްކަން އެބަހުއްޓޭ. ނަމަވެސް މިހާރު މިފެންނަނީ ލައިން ކްރޮސްކުރާ ތަނޭ. އެއީ އެއްވެސް ހާލެއްގައި ޚިޔާލު ފާޅުކުރުމެއްނޫނޭ. މިއީކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތް ހިންގުމެއް ނޫނޭ. މިއީ ކަނޑައެޅިގެން ދިވެހި ޤައުމާ ދެކޮޅަށް ހިންގޭ ޖަރިމާއެކޭ. ޣައްދާރުވުމުގެ އަމަލެއް ގެގޮތުގައި އަޅުގަނޑު ދެކެނީ. މިކަން ހިންގާކަށެއް ސަރުކާރުން ކުރިއަށް އޮތްތާ ފުރުޞަތެއްނުދޭނޭ. އެހެންވީމަ އެކަންކަން ހުއްޓާލާފަ ސިޔާސީ މަސައްކަތުގައި ކުރިއަށްދާން އަޅުގަނޑު އެބޭފުޅުންނަށް ގޮވާލަން."

އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގާތްގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމަށްވެސް އޮތް ނުރައްކަލެއްކަމަށް ސަރުކާރުން ވަނީ ކުރިންވެސް ވިދާޅުވެފައެވެ.