ޚަބަރު

ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ސަރަޙައްދަކަށް ހަދައިފި


އައިޖީއެމްއެޗް
ކުރިމަތީ އޮންނަ ޝަހީދު އަލީ ގޯޅި އަށް ވެހިކަލް ވަނުން މަނާކޮށް އެ ސަރަޙައްދަކީ
ފައިމަގުގައި އުޅޭ ސަރަހައްދަކަށް ބަދަލުކޮށްފިއެވެ.



މާލޭގެ ބައެއް
މަގުތައް، އަދި ޚާއްޞަކޮށް ހަނި ގޯޅިތަކަށް ދުއްވާއެއްޗިހި ދުއްވުމާއި ޕާކްކުރުން
މަނާކޮށް ހިނގާފައި އުޅޭ ގޮތަށް ބަދަލުކުރަނީ ރައީސުލްޖުމްހޫރިއްޔާ، ދިވެހި
ރައްޔިތުންގެ ދިރިއުޅުމުގެ އިޖްތިމާޢީ ޙާލަތު
ރަނގަޅުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން ކުރައްވާކަމެކެވެ.



އެގޮތުން
ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ސަރަޙައްދަކަށް ބަދަލުކުރައްވާފައިވަނީ
އެސަރަޙަދުގައި ދިރިއުޅޭ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. އެ ސަރަހައްދަކީ ފައިމަގުގައި އުޅޭ ސަރަހައްދަކަށް
ބަދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ
މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވީ ވެހިކަލް ނުދުއްވާ ހިތް ފަސޭހަ
ސަރަހައްދުތަކެއް ކަނޑައެޅުމުގެ ޕްލޭންގެ ދަށުން އަދިވެސް މިފަދަ ސަރަޙައްދުތަކަށް
ހިތް ފަސޭހަ ބަދަލުތަކެއް ގެންނަވާނެކަމަށެވެ. އެގޮތުން ޚާއްޞަކޮށް ކުޑަކުދިންނަށް
ކުޅެވޭނެގޮތާއި، ފޮތް ކިޔާލަން ތިބެވޭނެގޮތް ހައްދަވާ ހިތްފަސޭކޮށް ތިބެވޭނެ
އިންތިޒާމް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.





މި ރަސްމިއްޔާތު
ޝަރަފްވެރިކޮށްދެއްވާ އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ،
މަގުތަކަށް މި ގެނެވޭ ބަދަލުގެ ސަބަބުން އެ ސަރަޙަދުގައި ދިރިއުޅޭ ފަރާތްތަކުގެ
އެކުވެރިކަން އާލާވެ އިޖުތިމާޢީ ގުޅުން ބަދަހިކުރެވިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިފަދަ ބަދަލުގެ ސަބަބުން މާލޭގެ ރީތިކަން ދެމެހެއްޓުމަށް
ކުރަމުންދާ މަސައްކަތުގައި ފަރުދީ ޒިންމާ ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި
މަގުމައްޗަށް ކުނި ނޭޅުމަށާއި، މަގުމަތި ރީތިކޮށް ބެހެއްޓުމަށް އާއްމުންގެ
ފަރާތުން މިނިސްޓަރ ތޯރިޤް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންޖީނުލީ
އުޅަނދު ދުއްވުން މަދުކޮށް، ބައިސްކަލް ދުއްވުމާއި ހިނގާފައި އުޅުމުގެ އާދަ
އަށަގެންނެވުމަށްވެސް މިނިސްޓަރ ތޯރިޤް އެދިވަޑައިގެންނެވިއެވެ.

" ދުވާލު
އަވިގަދަކަމުން ވެހިކަލް ބޭނުންކުރަންޖެހިދާނެ. އެހެން ނަމަވެސް ރޭގަނޑު ބައިސްކަލް
ދުއްވުން، ނުވަތަ ހިނގާފައި އުޅުމުގެ އާދަ އަށަގެންނެވުމަކީ އެކަމުން ތިމާއަށާއި، ތިމާވެއްޓަށްވެސް ފައިދާ ކުރާނެ ކަމެއް" މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.



ވެހިކަލް ނުދުއްވާ
ހިތް ފަސޭހަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ ޕްލޭންގެ ދަށުން މީގެ ކުރިން
ހައުސިންގ މިނިސްޓްރީން ވަނީ އިތުރު މަގުތަކެއްވެސް ހިންގާފައި އުޅޭގޮތަށް
ނިންމަވާފައެވެ. އެގޮތުން މައްޗަންގޮޅީ ސަހަރާ
ކައިރީގައި އޮންނަ ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅި އަށް ވެހިކަލް ވަނުން މަނާކޮށް
އެ ސަރަޙައްދަކީ ފައިމަގުގައި އުޅޭ ސަރަހައްދަކަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ މެއި
މަހުގެ ތެރޭގައެވެ.



މިއީ
ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ އިޖްތިމާޢީ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން،
ކުރިއަށް ގެންދާ ޕްލޭނެކެވެ. މި ޕްލޭންގެ ދަށުން ޚާއްޞަކޮށް ކުޑަކުދިންނަށް
މިނިވަންކަމާއި އެކު ކުޑަކުދިންނަށް ކުޅެވޭނެގޮތާއި، ފޮތް ކިޔަން އިށީންދެގެން
ތިބެވޭނެގޮތުގެ އިންތިޒާމް ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.