ޚަބަރު

ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖަހައިގެން ކެމްޕެއިނެއް ނުކުރެވޭނެ: ރައީސް ނަޝީދު


ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލޭގޮތަށް މަސައްކަތް ކުރުމުގެ ޖާގަ ދެވިގެން ނުވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު މާލެސިޓީގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދާޚިލީ ކަންކަމުގެ މަސްލަހަތު ނަގާލައި، ރައްޔިތުންގެ މަސްލަހަތު ގެއްލޭގޮތަށް މުޅި ރާއްޖޭގައި ކެމްޕެއިނެއް ހިންގުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށެވެ. ޤައުމުގެ މަސްލަހަތު ގެއްލޭފަދަ ކަންކަން ހުއްޓުވުމަކީ ސަލާމަކީ ބާރުތަކުން ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ކުރުމަށް ރައީސް ނަޝީދުވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހަރަކާތަކީ އެއްވެސް ގޮތަކަށް ޤައުމުގެ މަސްލަހަތު އޮތްގޮތެއް ނޫންކަމަށާ، މިކަމުން ރައީސް ޔާމީނަށްވެސް އަދި އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށްވެސް ވަނީ ބޮޑު ހުތުރަކަށް ކަމަށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ރައީސްކަން ކުރެއްވި ބޭފުޅަކު އިސްވެ ހުންނަވައިގެން ގައުމުތަކާ ދެކޮޅު ހަރަކާތް ހިންގުމަކީ ކުރައްވާކަމެއް ނޫންކަމަށާ، އެއީ އެކަން ކުރެވުގެންވާނެ ގޮތެއްވެސް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑިއާ އައުޓްގެ ނަމުގައި މުޅިމޭމަތި ފުރެންދެން ޖަހައިގެން ނިކުތީމާ ހުތުރުވާނެ. އިންޑިއާ އައުޓް ނުގޮވޭނެ. އެހެން ނޮގޮވޭނެ. އެއީ ރާއްޖޭގެ މަސްލަހަތާއި ޚިލާފްކަމެއް. އެހެން ގޮވަމުން ނުހިނގޭނެ. ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖަހައިގެން ނުހިނގޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ޙަރަކާތެއް އެއްވެސް ބަޔަކު ހިންގުމަށް ޖާގަ ދެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ދޭދޭ ޤައުމުތަކުގެ ގުޅުމާއި، އޮންނަ ހަމަޖެހުމަކީ ޤައުމުތަކުގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާއިރު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭފަދަ ކަންކަން ކުރުމަކީ ބަލައި ގަނެވޭކަމެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގާތްގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމަށްވެސް އޮތް ނުރައްކަލެއްކަމަށް ސަރުކާރުންވެސް ވަނީ ވިދާޅުވެފައެވެ.