ޚަބަރު

ވާރޭފެން ނެގުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


ރާއްޖެ ހިމެނޭ ސަރަހައްދުގެ ޖައްވު ފުސްވަމުން ދާތީ ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފިހުން ވިދާޅުވީ ހުޅަނގުން އިރުމައްޗައް ވައި ބަދަލުވަމުންދާ މިދުވަސްވަރުގައި އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމަށެވެ. މިކަން ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗު މަހުގެ ނިޔަލަށްކަމަށްވެސް މެޓްއޮފީހުން ވިދާޅުވެއެވެ.

ނޭވާލާ ނިޒާމްގެ ބަލިތައް ހުންނަ މީހުންނަށް މި ހިރަފުހުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެ ސިއްޙީ މައްސަލަތަކާ ކުރިމަތިވެދާނެތީ، ސަމާލުވެ ރައްކާތެރިވުމަށްވެސް އެއޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މީހުން ބޭރަށް ނުކުމެ އުޅޭއިރު މާސްކުއެޅުމަކީ މުހިންމު ކަމެއްކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގައިވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރު ޖައްވު ނުސާފުވެއެވެ. މެޓް އޮފީހުގެ މީޓަރަލަލޮޖިސްޓް އަޙްމަދު ޝާބިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މިފުސްކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކ.ހުޅުލެއާ ހދ.ހަނިމާދޫ ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޓްރީއަށް ކަމަށެވެ.

މެޓް އެއޮފީހުން ވިދާޅުވީ ޢާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 ނުވަތަ 5 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ. ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މީގެ ކުރިން ރަށުގައި ހުރެގެން ދުރުން ފެންނަ ރަށްރަށް، ޖައްވު ފުސްކަމުން ނުފެނެއެވެ.