ކުޅިވަރު

ޔޫރޮޕާ ކޮންފަރެންސް ލީގުން ޓޮޓްނަމް ހޮޓްސްޕަރ ކަޓައިފި


ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ރެން ބައްދަލުކުރަން އޮތް މެޗް ޓޮޓްނަމުން ދޫކޮށްލީކަމަށް ޔުއޭފާއިން ނިންމުމާއި ގުޅިގެން އެމުބާރާތުން ޓޮޓްނަމް ކަޓައިފިއެވެ.
ސްޕަރސް އާއި ރެން ބައްދަލުކުރަން އޮތް މެޗް ކުޅުމަށް ހަމަޖެހިފައިއޮތީ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ.

ޓޮޓްނަމް ޓީމްގެ 13 ފަރާތަކަށް ކޯވިޑް-19 އަށް ޕޮޒިޓީވްވުމާ ގުޅިގެން އެމެޗްވަނީ ފަސްކުރެވުނުކަމަށް ޔުއޭފާއިން އަންގާފައެވެ. ނަމަވެސް ފަހުން ޔުއޭފާއިންވަނީ އެމެޗް އަލުން ޝެޑިއުލް ކުރެވެން ނެތްކަން ހާމަކޮށްފައެވެ. އަދި ޔުއޭފާއިން އެކަމަށް ގޮތެއް ނިންމުމަށް ވަނީ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހަޅާފައެވެ. އަދި އެކޮމެޓީއިންވަނީ އެމެޗް ރެންއަށް 3 ލަނޑު ސުންލަނޑުން ކާމިޔާބު ވީކަމަށް ނިންމާފައެވެ. އެމެޗަކީ ޓޮޓްނަމް ކޮންފަރެންސް ލީގުގައި ދެވަނަ ބުރަން ދާން ބޭނުންނަމަ މޮޅުވާން މަޖުބޫރު މެޗެކެވެ. އަދި ޔުއޭފާއިން މިގޮތަށް ނިންމުމާއި ގުޅިގެން ޓޮޓްނަމް މިވަނީ މިމުބާރާތުން ކަޓާފައެވެ.

ޓޮޓްނަމް ބުނީ ޔުއޭފާއިން މިމެޗް އަލުން ކުޅެން ވަގުތު ނުދީ މިގޮތަށް ނިންމުމުން ހިތާމަ ކުރާކަމަށެވެ. ނަމަވެސް ޔުއޭފާއިން ނިންމި ނިންމުން ގަބޫލް ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. އަދި މިހާރު ކްލަބްގެ ފޯކަސް ހުރީ އެޓީމް ވާދަކުރާ އެހެން މުބާރާތްތަކަށް ކަމަށް ޓޮޓްނަމުން ބުނެއެވެ. ޔުއޭފާއިން އެގޮތަށް ނިންމުމުން ރެންއަށް ވަނީ އެގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ވިޓޭސޭއެވެ. އަދި ޓޮޓްނަމް ދިޔައީ ތިންވަނައަށެވެ.