ޚަބަރު

ހުޅުމާލެ ވޯޓާ ތީމް ޕާކް ހަދަން ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް: މައްސަލަ އޭސީސީއަށް


ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރިއަށްގެންދާ މެލޭޝިއާގެ ކުންފުންޏާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް މަންފާތަކެއް ލިބޭ ގޮތަށް ކަމަށް ފާހަގަކުރެވިގެން އެކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ، ވޯޓަރ ތީމް ޕާކު ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވުނީ ކުންފުނީގެ އިންޓަރނަލް އޮޑިޓެއް ކުރުމުންކަމަށެވެ.
ޞުހައިލް ވިދާޅުވީ އެކަން ފާހަގަކުރެވުމުން މައްސަލަ އޭސީސީއަށް ހުށައަޅާފައިވާކަމަށާއި، އެކަމާއި ގުޅިގެން އޭސީސީން އެދިފައިވާ މައުލޫމާތާއި ލިޔެކިއުންތައްވެސް ހިއްސާކޮށްފައިވާކަމަށެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ޔޫތު ޕާކާއި ޖެހިގެން ހަދަމުންދާ މި ވޯޓަރ ތީމް ޕާކުގެ މަސައްކަތް އެޗް.ޑީ.ސީން ކުރަމުންދަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ މިރި ހައުސިންގ ޑިވެލޮޕްމަންޓާއި ޙަވާލުކޮށްގެންނެވެ.

އެއްގަމާއި މޫދުގައި ފެނުގައި ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ރާއްޖޭގައި މިފަދަ ފުރަތަމަ ޕާކުގެ ގޮތުގައި ތަރައްޤީކުރަން ފެށި މި ޕާކަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިނަމަވެސް، އެންމެ އެދެވޭގޮތެއްގައި މަސައްކަތް ކުރިއަކަށްނުދެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް އެޗް.ޑީ.ސީން އެންމެ ފަހުން ލަފާކޮށްފައިވަނީ މިއަހަރުގެ މެދުތެރޭގައި ނަމަވެސް މިހާތަނަށް އައިއިރު ވޯޓަރ ތީމް ޕާކުގެ ބައެއް އިމާރާތްތަކަށް ބޭނުންވާ ސްޓްރަކްޗަރ ހެދުމުގެ އިތުރަށް މާބޮޑު ޢަމަލީ މަސައްކަތެއް އެތަނުގައި މިހާތަނަށް ކޮށްފައެއްނުވެއެވެ.

މި މަސައްކަތް ނުނިމި ދިގުލައިގެންދާތީ، އެކަމާއި ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވެފައިވަނީ، މިއީ ހުޅުމާލޭގައި ދިރިއުޅޭ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ އާއްމުންވެސް ވަރަށް އިންތިޒާރުކުރަމުންދާ މަޝްރޫޢެއްކަމުން، މަސައްކަތް ނުނިމި ދިގުލައިގެންދާތީ، އެ ކޯޕަރޭޝަނުންވެސް ކަންބޮޑުވާކަމަށެވެ. އެގޮތުން ކޯވިޑް-19ގެ ޙާލަތު ޖެހުމުގެ ކުރިންވެސް މަޝްރޫޢުގެ މާބޮޑު ކުރިއެރުމެއް ފެނިގެންގޮސްފައިނުވާއިރު، ކޯވިޑްގެ ޙާލަތާއެކު މުޅި މަޝްރޫޢު އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް ޑިވެލޮޕަރާއެކު އެޗް.ޑީ.ސީން ވާހަކަދައްކަމުންދާކަމަށާއި، މަޝްރޫޢު ނިންމޭނެ ތާރީޚެއް އެނގޭނެހެން ޝެޑިއުލެއް އެޗް.ޑީ.ސީއާއި ހިއްސާކުރުމަށް އެދިފައިވީނަމަވެސް އެކަމުގައި އެންމެ އެދެވޭ އެއްބާރުލުމެއް ލިބެމުން ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއްބަސްވުމުގައިވާ ގޮތަށް ކަންކަން ކުރިއަށްނުދާނަމަ އެއްބަސްވުމުގައިވާ ގޮތަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ސުހައިލް ވިދާޅުވިއެވެ.