ދުނިޔޭގެ ވިޔަފާރި

ވޯލްޑް އިކޮނޮމިކް ފޯރަމް 2022 ފަސްކޮށްފި


ސްވިޓްޒަލޭންޑުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޯލްޑް އިކޮނޮމިކް ފޯރަމް ނުވަތަ ޑާވޯސް ސަމިޓުގެ 2022 ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.

ޑާވޯސް ސަމިޓު އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވަނީ އަންނަ ޖަނަވަރީމަހު ސަމިޓު ބޭއްވުމަށް ކުރިން ނިންމާފައިވީ ނަމަވެސް ކޯވިޑުގެ ވޭރިއެންޓް އޮމިކްރޯން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދިއުމާ ގުޅިގެން، އަހަރުގެ މެދުތެރެއަށް ބައްދަލުވުން ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ސީދާ ތާރީޚެއް އެފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ޖެނީވާގައި ހުންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ މައި އޮފީހުން ހާމަކުރާގޮތުގައި ސިއްޙީގޮތުން ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅިފައިވީ ނަމަވެސް އޮމިކްރޯން ހަލުއިކަމާއެކު ފެތުރެމުންދިއުމާއި، މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގައި ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ހުރުމުން ސަމިޓު ފަސްކުރަންވަނީ މަޖްބޫރުވެފައެވެ. އަދި ކުރިއަށްއޮތް ސަމިޓުގެ ބައްދަލުވުންތައް ކުރިއަށްގެންދާނީ ވަރޗުއަލްކޮށް ކަމަށް އެ އޮފީހުން ބުނެއެވެ.

އަންނަ އަހަރުގެ ސަމިޓުގައި އަލިއަޅުވާލުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ސްޓޭކް ހޯލްޑަރުންގެ ރައުޞުލްމާލު އިތުރުކުރާނެ ގޮތްތަކާއި، ފޯރތް އިންޑަސްޓްރިއަލް ރެވޮލިއުޝަން އާ ގުޅިފައިވާ ޓެކްނޮލޮޖީތައް އިތުރަށް ތަރައްޤީކުރާނެ ގޮތްތަކާއި، މިމަސައްކަތުގައި މީހުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހިމެނޭ ކަމަށް ސަމިޓުގެ އޮފިޝަލުން ހާމަކުރެއެވެ.

ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި ބޮޑެތި ވިޔަފާރިވެރިން ބައިވެރިވާ މި ސަމިޓުގެ 2021 ވަނަ އަހަރުގެ ބައްދަލުވުން ދެފަހަރެއްގެ މަތިން ތާވަލުކުރި ނަމަވެސް، ކޯވިޑް-19ގެ ޙާލަތާހުރެ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ. ފާއިތުވި ބައްދަލުވުންތަކަށް ބަލާއިރު ކުންފުނިތަކާއި ޤައުމުތަކުގެ ވެރިން ހިމެނޭހެން 3000 މީހުން ވަނީ ޑާވޯސް ސަމިޓުގައި ބައިވެރިވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ބައްދަލުވުމުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.