ޚަބަރު

ނޢޢވ، ޢުމަރު ޒާހިރު އަވަހާރަވެއްޖެ


ގިނަ ދުވަސްތަކެއް ވަންދެން ޤައުމަށް ގިނަގުނަ ޚިދުމަތްކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ކޯވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު 2 ޖަހާ އެހާކަށްހާއިރު ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

ޢުމަރު ޒާހިރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ކޯވިޑަށް ޓެސްޓްކުރެއްވުމުންނެވެ. ޢުމަރު ޒާހިރުގެ ޢާއިލާއިން މީގެ ކުރިން މަޢުލޫމާތު ދެއްވިގޮތުގައި އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެވަޑައިގެންވި ފަހުން އުޅުއްވީ އާލާސްކަންފުޅާއެވެ. ގަދަ ހުމުގެ އާލާސްކަންފުޅެއް ޖެހި، ހިންގަވައި އުޅުއްވުމަށްވެސް އެމަނިކުފާނަށް އުނދަގޫފުޅުކަމަށް ޢާއިލާއިން ކުރިން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ޢުމަރު ޒާހިރަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.

އެމަނިކުފާނު ވަނީ ދިވެހި ދަޢުލަތަށް 50 އަހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން 1953 އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.

ޢުމަރު ޒާހިރު އަދާކުރެއްވި މުހިއްމު ބައެއް މަޤާމުތަކުގެ ތެރޭގައި ދާޚިލިއްޔާގެ މަޤާމުތަކާއި، އައްޑޫ ސިޓީ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާކަމާއި، މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި، ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުކަމުގެ މަޤާމު ހިމެނެއެވެ.

އެމަނިކުފާނު އަދާކުރެއްވި ސަރުކާރުގެ އިސް މަޤާމުތަކުގެ ތެރޭގައި 1980އިން 1993 މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި، 1983އިން 1988އަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމާއި، 1988އިން 1993 އަކަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަޤާމް ފުރުއްވާފައިވެއެވެ. އަދި 1993އިން 2004އަކަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަޤާމާއި، 2004އިން 2005އަކަށް މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމާއި، 2005އިން 2008އަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ޢުމަރު ޒާހިރުގެ ބައެއް ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ޤައުމީ ރޫޙާއި، ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި ވަނީ ހަރަކާތްތެރިވެވަޑައިގަންނަވާފައެވެ. އަދި މަޖީދިއްޔާ ސްކޫލުގައި ޢިލްމީ އަޚްލާޤީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުމުގައި މަސައްކަތްކުރައްވާފައިވެއެވެ. ޢުމަރު ޒާހިރު ފާހަގަވެފައިވަނީ މާލޭ ސަރަޙައްދަށް ޒަމާނީ ތަރައްޤީއާއި ކުރިއެރުން ގެނައުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައިހެން އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢާއި، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ކުނި ނައްތާލުމުގެ މަޝްރޫޢާއި، ތިލަފުށި ހިއްކުމާއި، އެކަމާގުޅޭ އެންމެހާ މަސައްކަތްތަކަކީ ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ.

މީގެ އިތުރުން ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި ގަދަކުރެއްވުމުގައި ޢުމަރު ޒަހީރު ވަނީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.