ޚަބަރު

ގައިދީން ޖަލުގައި އުޅޭއިރު ޔުނިފޯމެއް ލާންޖެހޭ ގޮތަށް ހަދައިފި


ޖަލުގައި ތިބޭ ޤައިދީން އެކި ބޭނުންތަކަށް ޖަލުން ބޭރަށް ގެންދާއިރު، ލާންޖެހޭ ޔުނިފޯމްގެ އިތުރަށް ޖަލުގައި ތިބޭއިރުވެސް ވަކި ޔުނިފޯމެއްގައި ބައިތިއްބަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރެއްވި ގޮތުގައި ގައިދީންގެ ޖަލު ޔުނިފޯމް 2016 ވަނަ އަހަރުން ފެށިގެން ބޭނުންކުރަން ފެށޭނެއެވެ. ގައިދީން މިހާރު ޖަލުގައި ތިބެނީ، އާދައިގެ ހެދުމުގައެވެ.  ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ވިދާޅުވީ، ގައިދީން ޖަލުގެ ތެރޭގައި އުޅޭއިރުވެސް ވަކި ޚާއްޞަ ޔުނިފޯމެއްގައި ބައިތިއްބުމަށް ނިންމަވައި، މިހާރު ހުރިހާ ގައިދީންނަށް ޔުނިފޯމް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރިއަށް އެބަގެންދަވާކަމަށެވެ. ގައިދީންގެ ޖަލު ޔުނިފޯމް ހުންނަނީ އޮރެންޖް ކުލައިގައެވެ. މިހާރު ބޭނުންކުރާ ފެހިކުލައިގެ ޔުނިފޯމް ބޭނުންކުރަމުންދަނީ، ހަމައެކަނި، ކޯޓަށް ގެންދާއިރުއާއި ހޮސްޕިޓަލަށް ގެންދާއިރުއެވެ. ގައިދީންނަށް ޚާއްޞަ މި ޔުނިފޯމް ފެހުމުގެ މަސައްކަތްކުރަނީ ޖަލުގައި ތިބޭ ގައިދީންނެވެ.