ޚަބަރު

އެއްމެދު ޢިމާރާތުގެ ޔުނިޓުތަކަށް ރަޖިސްޓަރީ ދޫކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކަށް


އެއްމެދު ޢިމާރާތުގެ ޔުނިޓުތަކަށް ރަޖިސްޓަރީ ދޫކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކަށް ޙަވާލުކުރާގޮތަށް މަޖިލީހުން ފާސްކުރި އެއްމެދު އިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ.

މިއީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މިއީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު ޢިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު ޢިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ ޤާނުނެކެވެ.

އަދި އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ޢިމާރާތުގެ ބިމާއި ޢާންމު ސަރަޙައްދުތައް ބަލަހައްޓައި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި ޢިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރާ ފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެއްމެދު ޢިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިފަރާތަކަށް އެފަރާތުގެ ނަމުގައި ޔުނިޓުގެ ރަޖިސްޓަރީއެއް، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ދޫކުރަންވާނެކަމަށް ޤާނޫނުގައި ހިމަނާފައިވަނީ، އެއްމެދު ޢިމާރާތެއްގެގޮތުގައި ރަޖިސްޓަރީކުރުމުގެ ހުއްދަ ހޯދުމަށް އެދި ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން އެ ހުށަހެޅުންތައް މިނިސްޓްރީއަށް ފޮނުވަންވާނެކަމަށާއި، އެއްމެދު ޢިމާރާތް ރަޖިސްޓަރީ ރަޖިސްޓަރީކުރުމުގެ ހުއްދަ ދޫކުރަންވާނީ މިނިސްޓްރީންކަމަށް ޤާނޫނުގައި ކުރިން ބަޔާންކޮށްފައި ވުމާއެކު، އެކަމަކީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެންނާތީ، މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެއްމެދު ޢިމާރާތުގެ ޔުނިޓުތަކަށް ރަޖިސްޓަރީ ދޫކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކާ ޙަވާލުކުރުމަށެވެ.

މި ޤާނޫނާއެކު އެއްމެދު ޢިމާރާތުގައި ހިމެނޭ ޔުނިޓެއް ނުވަތަ ޔުނިޓުތަކެއް ގަނެވިއްކައި، ދީ، ލިބިގަނެ، އަދި މިލްކުކުރެވޭނީ، ހަމައެކަނި ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތަކަށެވެ.

މިޤާނޫނުގެ ދަށުން އެއްމެދު ޢިމާރާތެއްގެ ޢާންމު ތަންތަނާއި ޢާންމު ވަސީލަތްތައް ބެލެހެއްޓުމަށް، އެ ޢިމާރާތެއްގެ ހުރިހާ ޔުނިޓުތަކުގެ މިލްކުވެރިންގެ މެދުގައި މެނޭޖްމަންޓް ކޯޕަރޭޝަނެއް އުފެދިގެންދާނެއެވެ. މިއީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ.

އަދި އެއްމެދު ޢިމާރާތެއްގެ ޔުނިޓުތަކުގެ ވެރިފަރާތްތަކުން ޤާނޫނުގައި ބަޔާންކުރާ ފީއާއި އޭނޫންވެސް ކަންކަން ނުކުރާނަމަ އެފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތެއް، މެނޭޖްމަންޓް ކޯޕަރޭޝަނުން ނިންމާނެއެވެ.

މި ޤާނޫނާއެކު ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު ޢިމާރާތްތަކާގުޅޭ މުޢާމަލާތްތައްކޮށް، އެއްމެދު ޢިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެއެވެ. މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 4 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

އެއްމެދު ޢިމާރާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.