ޚަބަރު

އެކްސްޕޯއިން ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ފެނިއްޖެ


ދިވެހި
އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު ނުވަތަ އެކްސްޕޯ މޯލްޑިވްސް 2015 ގައި
ނުކުޅެދުންތެރި ބައިވެރިން ބައިވެރިކުރި ތަކެތީގެ ސަބަބުން ދިވެހިންނަކީ އުފެއްދުންތެރި އަދި ފަންނުވެރި
ބައެއްކަން އެނގިގެން ހިނގައްޖެ ކަމަށް އެމްއެމްއޭގެ ގަވަރުނަރ އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.

އެކްސްޕޯ މޯލްޑިވްސްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރި ކުރި
ތަކެއްޗަށް އެވޯޑް ހަވާލުކުރުމަށް ރޭ ދަރުބާރުގޭ ހަކުރާ މާލަމުގައި ބޭއްވި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރނަރ އަޒީމާ އާދަމް
ވިދާޅުވީ، ރާއްޖޭގައި
އުވެމުންދިއަ އާދަތައް އަދިވެސް ފެންނަމުންދާކަމަށާއި އެފަރާތަކުން ހަދާފައިވާ
ތަކެތި ރާއްޖެއިން ބޭރުގެ ބާޒާރުގައި ވިއްކައިގެން ރާއްޖެއަށް ބޭރު ފައިސާ އެތެރެ
ކުރެވޭނެ ކަމަށެވެ. ހަމައެހެންމެ ޑޮލަރު ލިބުމުގެ ދަތިތައް ކުރިމަތިވާ
މައްސަލައަށް ހައްލެއް ލިބޭނީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާއާއި ރާއްޖެއިން ބޭރުވާ
ބޭރު ފައިސާގެ ފަރަޤު ކުޑަކޮށްގެން ކަމަށްވެސް އަޒީމާ ވިދާޅުވިއެވެ.



ރޭގެ ރަސްމިއްޔާތުގައި
ހާއްސަ އެހީއަށް ބޭނުންވާ
ފަރާތްތަކުގެ ދާއިރާއިން 4 ގިންތިއަކުން ވަނަ ހޮވާފައިވާއިރު، 17
ފަރާތަކުންވަނީ މި ގިންތިތަކުން އެކްސްޕޯގައި ބައިވެރިވެ އެވޯޑް ހާސިލްކޮށްފައެވެ.
 އެ 4 ގިންތިއަކީ، ރިބަން އެމްބްރޮއިޑަރީ، ޕަންޗް ނީޑްލް އެމްބްރޮއިޑަރީ، ނޮޓިން މެކްރޭމް އަދި ދިވެހި ރަހަތައް ވަގުތުން ތައްޔާރު
ކުރުމުގެބައެވެ.