ދުނިޔޭގެ ވިޔަފާރި

ޔޫއޭއީގައި ބައިނަލްއަޤްވާމީ ބޭންކުތަކުން ޚިދުމަތްދޭ ރަސްމީ ދުވަސްތަކަށް ބަދަލެއް


ބައިނަލްއަޤްވާމީ 3 ބޭންކަކުން ޔޫއޭއީ ގައި ޢާއްމުކޮށް ޚިދުމަތްދޭ ދުވަސްތަކަކީ ހޯމައިން ހުކުރު ކަމަށް ކަނޑައަޅައި، ހަފްތާ ބަންދަކީ ހޮނިހިރު އަދި އާދީއްދަ ކަމަށް ކަނޑައަޅައިފިއެވެ.

އެމެރިކާ، ޖަރުމަންވިލާތް، އަދި ފަރަންސޭސީވިލާތަށް ނިސްބަތްވާ 3 ބޭންކެއްގެ ޔޫއޭއީ ގޮފިތަކުން ހަފްތާ ބަންދުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތް ހުކުރު އަދި ހޮނިހިރުގެ ބަދަލުގައި ހޮނިހިރު އަދި އާދީއްތަ ހަމަޖެއްސުމުގެ ބޭނުމަކީ ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ޚިދުމަތްދޭ ތަންތަނާއި ވިޔަފާރީގެ ބާޒާރު ހުޅުވިފައި ހުންނަ ދުވަސްތަކާ ދިމާކުރުން ކަމަށް މި ބޭންކުތަކުން ބުނެއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާ ބޭންކުތަކަކީ ޖޭޕީ މޯރގަން ޗޭސް އާއި، ޑޮއިޗާ ބޭންކާއި، ސޮސައިޓީ ޖެނެރަލްއެވެ. މި ބޭންކުތަކުން މިގޮތަށް ނިންމިއިރު، މިހިނގާ ޑިސެމްބަރުމަހު ޔޫއޭއީއިން ވަނީ އަންނަ ޖަނަވަރީމަހުން ފެށިގެން އެޤައުމުގައި ރަސްމީ މަސައްކަތް ކުރާނީ ހޯމައިން ހުކުރު ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ކަމަށް ކަނޑައަޅާފައެވެ. އަދި އެޤައުމުގެ ހަފްތާ ބަންދަކީ ހޮނިހިރާއި އާދީއްތަ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެޤައުމުގެ އިންސާނީ ވަޞީލަތާބެހޭ ވެރިޔާ ޢަބްދުލްރަޙުމާން އަލް އަވަރު، ސީއެންއެން އަށް ވިދާޅުވީ، އަމިއްލަ ކުންފުނިތަކުގެ މަސައްކަތުގެ ދާއިރާއަށް ބިނާކޮށް، އެ ކުންފުނިތަކަށް އެންމެ ފައިދާހުރިގޮތަށް ހަފްތާ ބަންދު ކަނޑައެޅުމުގެ ފުރުޞަތު، ކުންފުނިތަކަށް އޮންނާނެކަމަށެވެ.

ޔޫއޭއީގެ ރަސްމީ މަސައްކަތު ދުވަސްތަކަށް ގެނައި ބަދަލާގުޅިގެން އަވަށްޓެރި ޤައުމުތައް ކަމަށްވާ ސަޢުދީ، ޤަތަރު އަދި ކުވެއިތުގެ ހަފްތާބަންދުވެސް ޔޫއޭއީ އާއި ތަފާތުވާނެއެވެ. 2006އިން ފެށިގެން ހުކުރު އަދި ހޮނިހިރު ހަފްތާ ބަންދުގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކުރީ އެޤައުމުގެ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ބޭރުގެ އިންވެސްޓަރުންގެ ޝަޢުޤުވެރިކަން އިތުރުކުރުމަށް ކަމަށް ޔޫއޭއީގެ ސަރުކާރުން ހާމަކުރެއެވެ.

2022ވަނަ އަހަރުގެ ޖަނަވަރީ އިން ފެށިގެން ހޯމައިން ހުކުރުދުވަހަށް ޚިދުމަތް ދޭން ނިންމާފައިވާ ބޭންކުތަކުގެ ރަސްމީ ދުވަސްތައް ޔޫއޭއީގެ ރަސްމީ ދުވަސްތަކާއި ދިމާވަނީ މި ބަދަލު ގެނައުމުން ކަމަށްވާއިރު، ޔޫއޭއީ އަކީ މުސްލިމް ޤައުމަކަށް ވެފައި ހުކުރު ދުވަހު މަސައްކަތް ކަނޑައަޅާއިރު ހުކުރު ނަމާދަށް ދިއުމުގައި މުވައްޒަފުންނަށް ފަސޭހަވާގޮތަށް ޢަމަލުކުރާނެކަމަށް މި ބޭންކުތަކުން ބުނެއެވެ.