ޚަބަރު

ސައުތު އޭޝިޔާ ޗައިނާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު


2016 ވަނަ އަހަރު ޗައިނާގައި އޮންނަ ސައުތު
އޭޝިޔާ ޗައިނާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި
ހުޅުވާލައްވާނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު
ވިދާޅުވީ މިދިޔަ އަހަރު ޗައިނާގައި ބޭއްވި އެކްސްޕޯގައި ރާއްޖެ ޝަރަފްވެރި ޤައުމުގެ ގޮތުގައި ބައިވެރި ނުވިނަމަވެސް އަންނަ އަހަރު އޮންނަ އެކްސްޕޯގެ
ޝަރަފްވެރި ޤައުމުގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށެވެ. ނަމަވެސް މިދިޔަ
އަހަރުގެ އެކްސްޕޯގައި ރާއްޖޭއިން ހުށައެޅި ތަކެތި 3 ދުވަހުގެ ތެރޭގައި ވިކި
ހުސްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންނަ އަހަރު ބާއްވާ
އެކްސްޕޯގައި ޝަރަފްވެރި ޤައުމުގެ ގޮތުގައި ބައިވެރިވެ ގިނަ އުފެއްދުންތައް
ހުށަހެޅުމުން ރާއްޖެއަށް ބޮޑު ކާމިޔާބެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި އުފެއްދުންތެރިކަމުގައި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދައުރު ވެސް ބޮޑުކަން ފާހަގަ ކުރައްވައި
މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެހެން
މީހުންނާއި ތަފާތު ނުވާނެހެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އެ
މަސައްކަތުގައި ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.



އެކްސްޕޯ
މޯލްޑިވްސް 2015 މިއަހަރު ބާއްވާފައިވަނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
މިއަހަރުގެ އެކްސްޕޯއަށް އެކި ގޮތްގޮތުން 13،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ
ކަމަށް ސައީދު ވިދާޅުވިއެވެ.