ޚަބަރު

ފިލިޕީންސްގައި ތިބި ދިވެހިންނަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން: ފޮރިން މިނިސްޓްރީ


ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެޤައުމުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ވަރަށްގާތުން ބަލަމުންދާކަމަށާއި، އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ފިލިޕީންސްއަށް އެރި ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކާއި، ފިލިޕީންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.

ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލާއި ގުޅިގެން ކާބޯތަކެއްޗާއި ފެނުގެ އިމަރޖެންސީ ސަޕްލައި ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތޫފާން ރާއީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ފިލިޕީންސްގެ ބައެއް ހިސާބުތަކުގައި މުވާސަލާތީ ގުޅުންތައްކެނޑިފައިވާތީ، ދަރިވަރުންނާއި އެކުދިންގެ އާއިލާތަކާ ދެމެދު މުވާސަލާތީ ގުޅުން ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ތޫފާނު ރާއީ ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އެއީ މި އަހަރުގެ ތެރޭގައި ފިލިޕީންސަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ތޫފާނެވެ. އެ ގޮތުން ގިނަ ޢަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ 300،000 އަށްވުރެ ގިނަ މީހުންވަނީ ޙާލުގައި ޖެހިފައެވެ.