އެފްއައިއޭ އެވާރޑްސް ރަސްމިއްޔާތުގައި މަރސިޑީޒްގެ ޑްރައިވަރ ލުވިސް ހެމިލްޓަން ބައިވެރިނުވުމުން އޭނާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށް އެފްއައިއޭގެ އާ ރައީސް މުހަންމަދު ބިން ސުލަޔެމް ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އަބޫދާބީ ގްރޯން ޕްރީގައި ކަން ހިނގައިދިޔަ ގޮތާއި ގުޅިގެން މިހަފްލާގައި ހެމިލްޓަން އާއި މަރސިޑީޒްގެ ޓީމް ޕްރިންސިޕަލް ޓޯޓޯ ވުލްފް ބައިވެރިނުވުމާއި ގުޅިގެންނެވެ.
ފޯމިއުލަރ ވަން ގަވައިދު ބުނާގޮތުން ޗެމްޕިއަންޝިޕްގެ އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ދުއްވުންތެރިން މިހަފްލާފައި ބައިވެރިވުމަކީ މަޖްބުރު ކަމެއްކަމަށެވެ. ސުލަޔެމް ވިދާޅުވީ ގަވައިދާ ހިލާފު ވެއްޖެނަމަ ފިޔަވަޅު އެޅަންޖެހޭ ކަމަށެވެ. މިއިވެންޓްގައި ހެމިލްޓަންއާމެދު ފިޔަވަޅު އަޅާނެތޯ ނޫސްވެރިން ސުވާލުކުރުމުން ސުލަޔެމް ވިދާޅުވީ މައާފު ކުރުމަކީ އަބަދުވެސް އޮންނަ ކަމެއް ކަމަށާއި ނަމަވެސް ގަވައިދު ވާނީ ގަވައިދަށް ކަމަށެވެ. އަދި މިފަހަރުގެ ސީޒަން ދިޔަގޮތުން ހެމިލްޓަން ހުންނާނީ ވަރަށް ދެރަވެފައިކަން އޭނާއަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ނަމަވެސް ގަވައިދާ ހިލާފު ވެފައިވާކަމަ އެކަން ވީގޮތެއް ބަލަން ޖެހޭ ކަމަށް ސުލަޔެމް ވިދާޅުވިއެވެ. އަދި މަގާމާއި ހަވާލުވިތާ މާގިނަ އިރު ތަކެއް ނުވެ މިކަމަށް އެއްޗެއް ބުނަން އެނގޭނީ ކަން ހިގާފައިވާގޮތް ބެލުމަށްފަހު ކަމަށްވެސް ސުލަޔެމް ވިދާޅުވިއެވެ.
އެފްއައިއޭގެ ރައީސް ކަމާ އަލަށް ހަވާލުވި ސުލަޔެމް އަކީ ކުރީގެ ރެލީ ކާރު ޑްރައިވަރެކެވެ. އަދި 2008 ވަނަ އަހަރުން އޭނާ އަންނަނީ އެފްއައިއޭ ވާރލްޑް ކައުންސިލާއި އެފް ވަންގެ ލެޖިސްލޭޓިވް ބޮޑީގައި ހަރަކާތްތެރިވަމުންނެވެ. މިހަފްލާގައި ސުލަޔެމް ރައީސް ކަމަށް ހޮވުމުގެ އިތުރުން ޑެޕިއުޓީ ޕްރެސިޑެންޓް ފޯ ސްޕޯޓްސްއަކަށް ވަނީ ސްކޮޓް ރޮބަރޓް ރީޑް ހަމަޖައްސާފައެވެ. އަދި އެފް ވަންގެ ކުރީގެ ވެރިޔާ ބަރނީ އެކްލްސްޓޯންގެ އަންހެނުން ކަމަށްވާ ބްރެޒިލްގެ ފަބިއާނާ އެކްލްސްޓޯންވަނީ ދެކުނު އެމެރިކާ ތަމްސީލް ކުރުމަށް ވައިސް ޕްރެސިޑެންޓްގެ ގޮތުގައި ހަމަޖައްސާފައެވެ.