ކުޅިވަރު

ބަޔާންއިން ތާވަލްގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ވީއެފްއެލް ވުލްފްސްބަރގް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ބަޔާންއިން ޕޮއިންޓް ތާވަލްގައި އެޓީމުގެ ލީޑު ފުޅާކޮށްފިއެވެ. ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަޔާންއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހައި އެޓީމަށް ލީޑު ނަގައިދިނީ ބުންޑަސްލީގާގައި ހަތަރު ސަތޭކަ ވަނަ މެޗް ކުޅެމުންދިޔަ ފޯވަޑް ތޯމަސް މުލަރއެވެ. އަދި ދެވަނަ ލަނޑު މުލަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗްގެ 57 ވަނަ މިނެޓްގައި ޖަހާފައިވަނީ ޑާޔޮޓް އުޕަމެކާނޯއެވެ. މިމެޗްގައި ބަޔާންގެ ތިންވަނަ ލަނޑު އޭގެ ދެމިނެޓް ފަހުން ޖަހައިދިނީ ލެރޯއި ސާނޭއެވެ. އަދި ފަހު ލަނޑު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިލަނޑާއެކު ލެވަންޑޯސްކީ މިވަނީ ކަލަންޑަރު އަހަރެއްގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖަހައިގެން 1972 ވަނަ އަހަރުގ ގަރޑް މުލަރ ގާއިމް ކުރި ރިކޯޑް މުގުރާލާފައެވެ. މިލަނޑު ވެފައިވަނި 2021 ވަނަ އަހަރު ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 43 ވަނަ ލަނޑަށެވެ. މިއަހަރުގެ މެއި މަހު ލެވަންޑޯސްކީވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން މުލަރ ހަދާފައިވާ ރިކޯޑްވެސް މުގުރާލާފައެވެ.

މިކާމިޔާބީއާއެކު ބަޔާންއަށް މިހަރުވަނީ ބުންޑަސްލީގާގައި 9 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބަޔާންއަށް މިހާރުވަނީ 17 މެޗުން 43 ޕޮއިންޓް ލިބިގެން ގޮސްފައެވެ. ދެވަނައިގާ އުޅޭ ބޮރޫޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 16 މެޗުން 34 ޕޮއިންޓެވެ. އެހެންކަމުން މިހަފްތާ ބަންދުގައި ޑޯޓްމުންޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މިފަރަގު އަލުން ހަޕޮއިންޓަށް ކުޑަވެގެންދާނެއެވެ. މިމެޗުން ބަލިވުމުން ވުލްފްސްބަރގް އުޅޭނީ 20 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.