ޚަބަރު

ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭނެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ކައުންސިލްތަކަށް


ކޮންމެ ރަށެއްގައިވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދާއި، އެ އުޅަނދެއް ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލާޒިމްކޮށްފިއެވެ.

މިގޮތަށް ލާޒިމްކޮށްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އަލަށް އެކުލަވާލާ ޢަމަލުކުރަން ފެށި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދުގައެވެ. މި ޤަވާއިދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި، އެކަން ތަންފީޒްކުރުމުގައި އަުޅަނަތުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އުޞޫލުތައް ބަޔާންކުރާ ޤަވާއިދެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިފަދަ ޤަވާއިދެއް އެކުލަވާލުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ ޢަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާއ އެއްގޮތަށް އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމަށްފަހު، އެކަން ތަންފީޒުކުރުމުގައި ޢަމަލުކުރަންޖެހޭ އާންމު އުޞޫލުތައް ބަޔާންކުރުންކަމަށެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ޤަވާއިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންކަމަށާއި، ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަޙައްދެއްގައިނަމަ މި ޤަވާއިދު ހިންގާނީ އެ މިނިސްޓްރީންކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޤަވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި، ސިނާޢީ ރަށްރަށާއި ސަރަޙައްދުތަކުގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދާއި، އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައަޅަންޖެހެއެވެ. އަދި މި ޤަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު، އުޅަނދުތަކުގެ އަދަދު ކަނޑައެޅި ފަރާތުން އެކަން އާންމުކޮށް ފެންނަން ހުންނާނޭހެން ޝާއިޢުކޮށް، އިޢުލާނު ކުރަންޖެހޭނެކަމަށާއި، އެކަން އިޢުލާންކުރާތާ މަދުވެގެން 6 މަސްދުވަހުގެ ފަހުން އެ ކަނޑައަޅާ ޢަދަދާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.

އުޅަނދުތަކުގެ ޢަދަދު ކަނޑައަޅާ ފަރާތުން ބަލައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު މި 3 އަސާސެއް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އަސާސްތައް

- އެ ރަށެއްގެ މީހުންގެ އާބާދީ
- ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދު
- އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަޙައްދުގެ ބޮޑުމިން

މިކަންކަމަށްބަލާ އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމަށް ތަފްސީލީ އެސެސްމަންޓެއް ކަމާގުޅޭ މާހިރުންގެ ލަފަޔާއެކު ކައުންސިލްތަކުން ހަދަންޖެހޭނެއެވެ. މި އެސެސްމަންޓުގައި ބަލަންޖެހޭނެ މުހިއްމު ކަންކަމާއި، އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމުގައި ބަލާނެ އަސާސީ މިންގަނޑު ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ އުޞޫލާއި، އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގައިވެސް ބަލަންޖެހޭ ކަންކަން ޤަވާއިދުގައި ތަފްސީލުކޮށްދީފައިވެއެވެ.

އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި ސިނާޢި ރަށްރަށާއި ސަރަޙައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅަންވާނީ އުޅަނދު އުފެއްދި ތާރީޚުން ފެށިގެންކަމަށް އަލަށް ޢަމަލު ކުރަން ފެށި ޤާވައިދުގައި ބުނެފައިވެއެވެ. އަދި އުޅަނދު ބޭނުންކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އުޅަނދުގެ ވެރިފަރާތުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، އުޅަނދުގެ ރަޖިސްޓަރޭޝަނާ މެދުގައި ޢަމަލުކުރެވޭނެ އުސޫލުތައް، އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، އެ އުސޫލުތައް އާންމުކޮށް އަންގައި އިޢުލާނު ކުރަންވާނެއެވެ.

އުޅަނދުތައް ރަޖިސްޓްރީކުރެވޭނެ ޢަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްތަކުން ކުރުމަށްފަހު، ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓާއި، ކަނޑައަޅާ ޢަދަދުތައް ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ލޯކަލް ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންޖެހޭނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.